އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރް.ޖީ.ސީ) އިން ބައިނަލްއަޤްވާމީ ކަނޑުގެ ސަރަހައްދުތަކެއް ހިމެނޭ ގޮތަށް "މަނާ ސަރަހައްދެއް" ނުވަތަ ރެސްޓްރިކްޓަޑް ޒޯނެއް އިޢުލާންކޮށްފިއެވެ. މި ސަރަހައްދު ފެށެނީ އީރާނުގެ އިރުދެކުނު ބަނދަރު ރަށެއް ކަމަށްވާ ޖށބަހާރުން ފެށިގެން އޮމާން ކަނޑާއި އަރަބި ކަނޑުގެ ބޮޑު ބަޔަކަށެވެ. ޖާބަހާރަކީ ޕާކިސްތާނު ބޯޑަރު ކައިރީގައި އީރާނު ސަރަހައްދުގައިވާ ރަށެކެވެ.

އީރާނުގެ ސެކިއުރިޓީ ކައުންސިލުން ހާމަކުރި ގޮތުގައި މިއީ ހުރްމުޒް ކަނޑުއޮޅިން ބޭރުން އެޤައުމުގެ ސަލާމަތީ ކޮންޓްރޯލް ވަރުގަދަކުރުމަށް އެޅި ފިޔަވަޅެކެވެ. މި ނިންމުމާއެކު އީރާނުން ވަނީ އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުތަކަށް ހަރުކަށި އިންޒާރެއް ދީފައެވެ. އީރާނުގެ ހުއްދައެއް ނުވަތަ ކޯޑިނޭޝަނެއް ނެތި އެ ސަރަހައްދަށް ވަންނަ އުޅަނދުތައް ބްލެކްލިސްޓް ކުރެވޭނެ ކަމަށާއި، ކުރިއަށް އޮތް ތަނުގައި އެ އުޅަނދުތަކަށް ހުރްމުޒް ކަނޑުއޮޅި ބޭނުންކުރުން މަނާކުރެވޭނެ ކަމަށް އައި.އާރް.ޖީ.ސީ ގެ ތަރުޖަމާނު ބްރިގޭޑިއާ ޖެނެރަލް ހުސެއިން މުހެއްބީ ވިދާޅުވިއެވެ. މީގެ އިތުރުން އެފަދަ އުޅަނދުތަކަށް ބަނދަރުގެ ޚިދުމަތާއި އިންޝުއަރެންސް ދިނުން ވެސް ހުއްޓާލާނެ ކަމަށް އީރާނުން ބުނެއެވެ.

މިދިޔަ ފެބުރުއަރީ މަހުގެ 28 ގައި އެމެރިކާއާއި އީރާނާ ދެމެދު ހަނގުރާމަ ފެށުނު ފަހުން، އީރާނުން ދަނީ ކަނޑުގެ ދަތުރުފަތުރަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިކުރަމުންނެވެ. އެމެރިކާއިން އީރާނުގެ ބަނދަރުތައް ބްލޮކޭޑް ކުރުމާ ގުޅިގެން، އީރާނުން މިހާރު މަސައްކަތް ކުރަމުންދަނީ މުޅި ސަރަހައްދުގެ ކަނޑުގެ ވިޔަފާރި މަގުތައް އެޤައުމުގެ ފުރިހަމަ ކޮންޓްރޯލްގެ ދަށަށް ގެނައުމަށެވެ. މި ބަދަލާއެކު ބައިނަލްއަޤްވާމީ ވިޔަފާރި ސަޕްލައި ޗެއިނަށް ވަނީ ބޮޑު ސިހުމެއް ލިބިފައެވެ.