ވެރިކަމުން ދުރުކޮށްފައިވާ ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝެއިޚް ހަސީނާގެ ޕާޓީގެ ލީޑަރެއް ކަމަށްވާ ލީޑަރެއް ކަމަށްވާ އިޝާގު އަލީ ޚާން ޕަންނާ އިންޑިއާ އާއި ބަންގްލަދޭޝް ބޯޑަރާއި ގާތްގަނޑަކަށް 1.5 ކިލޯމީޓަރު ދުރުގައި މަރުވެފައި އޮއްވާ ފެނިއްޖެއެވެ.
ހަސީނާގެ އަވާމީ ލީގު ޕާޓީގެ އިސް ލީޑަރު މަރުވެފައި އޮއްވާ ފެނުނީ އިންޑިއާގެ މެގަލަޔާ ސްޓޭޓުންނެވެ.
މެގަލަޔާ ފުލުހުން ބުނާ ގޮތުގައި، ޕަންނާގެ ހަށިގަނޑު ފެނުނީ މި މަހުގެ 26 ވަނަ ދުވަހު އީސްޓް ޖައިންތިއާ ހިލްސްގެ ޑޯނާ ބޯއި ވިލެޖްގައި ހުރި ގަސްތަކެއްގެ ތެރެއިންނެވެ. ހަށިގަނޑު ދެނެގަނެވުނީ އޭނާގެ އަތުގައި އޮތް ޕާސްޕޯޓުންނެވެ.
ޕޯސްޓްމޯޓަމް ރިޕޯޓުން ދައްކާ ގޮތުގައި ޕަންނާ މަރުވެފައިވަނީ ކަރުގައި ހިފައިގެންނެވެ. އަދި އޭނާގެ ހަށިގަނޑުގައި އަނިޔާގެ ނިޝާންތަކެއް ހުރި ކަމަށާއި، ނިއްކުރީގައި ޒަޚަމްތަކެއް ހުރި ކަމަށް ފުލުހުން ބުނެފައިވެއެވެ. މި ޒަޚަމްތަކަކީ އަނިޔާ ލިބުނު މީހާ ސަލާމަތްވުމަށް މަސައްކަތްކޮށްފައިވާ ކަން އަންގައިދޭ ކަމެއް ކަމަށްވެސް ފުލުހުން ވިދާޅުވެފައިވެއެވެ.
ޕަންނާއަކީ ޝެއިޚް ހަސީނާގެ ސަރުކާރު ވެއްޓުމާ ގުޅިގެން ފިލައިގެން ދިޔަ ކަމަށް ބުނާ އިސް ލީޑަރުންގެ ތެރެއިން އެކަކެވެ. އޭނާއަކީ އަވާމީ ލީގާ ގުޅިފައިވާ ބަންގްލަދޭޝް ޗަތުރާ ލީގުގެ ކުރީގެ ސެކްރެޓަރީ ޖެނެރަލްއެވެ. މި މައްސަލައިގެ އިތުރު ތަފްސީލު ހޯދުމަށް ފުލުހުން މިހާރު ދަނީ ތަޙުޤީޤު ކުރަމުންނެވެ. އަދި އޭނާގެ ހަށިގަނޑު ފޮރެންސިކް އެނަލިސިސް އަށް ވަނީ ފޮނުވާފައެވެ.









