ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ބެލުމުގެ ދަށުގައިވާ އެއްމެދު އިމާރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކޮށް، ސަލާމަތީ މިންގަނޑުތައް ހަރުދަނާކުރުމުގެ ޚާއްސަ މަސައްކަތްތަކެއް އެ ކޯޕަރޭޝަނުން ފަށައިފިއެވެ.
އެޗްޑީސީން އާންމުކުރި އިއުލާނެއްގައި ބުނެފައިވަނީ، ހުޅުމާލޭގައި ހުރި އެއްމެދު އިމާރާތްތަކުގައި ދިރިއުޅޭ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަކީ އެ ކޯޕަރޭޝަނުން ނުހަނު އިސްކަންދޭ ކަމެއް ކަމަށެވެ. އެގޮތުން، އެ އިމާރާތްތަކުގެ ކުޑަދޮރުތަކާއި ބެލްކަނީގެ ރެއިލިންގ ފަދަ ތަންތަން ކަނޑައެޅިފައިވާ ސަލާމަތީ މިންގަނޑުތަކަށް ފެތޭތޯ ބަލައި، އެފަދަ ތަންތަން މަރާމާތުކޮށް ގަވާއިދަށް ފެއްތުމަށް ބޭނުންވާ އެހީތެރިކަން، އެޗްޑީސީގެ އިޖުތިމާއީ ޒިންމާ (ސީއެސްއާރު) ގެ ދަށުން ފޯރުކޮށްދިނުމަށް މިހާރު ވަނީ ނިންމާފައެވެ.
މީގެއިތުރުން، އިމާރާތްތަކުގެ ރައްކާތެރިކަން އިތުރަށް ހަރުދަނާކުރުމަށްޓަކައި ބޭނުންވާ މައުލޫމާތާއި، މިކަމާ ގުޅޭގޮތުން އާންމުންގެ ހުރި ކަންބޮޑުވުންތައް ހިއްސާކުރުމުގެ ފުރުސަތު ވެސް އެޗްޑީސީން މިހާރު ވަނީ އޮންލައިން ފޯމެއް މެދުވެރިކޮށް ހުޅުވާލާފައެވެ. މި ފޯމު މެދުވެރިކޮށް މައުލޫމާތު ހުށަހެޅުމުގެ އެންމެ ފަހު ތާރީހަކީ 30 ސެޕްޓެމްބަރު 2026 ވާ ބުދަ ދުވަހުގެ މެންދުރު 12:00 އެވެ.
އެޗްޑީސީން އިތުރަށް ހާމަކުރި ގޮތުގައި، އާންމު ރައްޔިތުންގެ ފަރާތުން ލިބޭ މައުލޫމާތުތައް ފުރިހަމައަށް ދިރާސާކުރުމަށްފަހު، އެ ކޯޕަރޭޝަނުން ސައިޓުތަކަށް ގޮސް ބަލަންޖެހޭ ކަންކަން ބަލައި، އެފަދަ ތަންތަނުގެ ސަލާމަތީ ކަންކަން އެންމެ މަތީ ފެންވަރުގައި ހަރުދަނާކުރުމަށް އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް ސިލްސިލާކޮށް ކުރިއަށްގެންދާނެއެވެ.
މި މަސައްކަތުގެ މައިގަނޑު މަގްސަދަކީ އެއްމެދު އިމާރާތްތަކުގައި ދިރިއުޅޭ އެންމެހައި ފަރާތްތަކަށް، ހާއްސަކޮށް ކުޑަކުދިންނަށް އަމާން އަދި ރައްކާތެރި މާހައުލެއް ކަށަވަރުކޮށްދިނުމެވެ.









