ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމާއި އެތަކެތި ޓްރެފިކް ކުރުން ހުއްޓުވުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ގއ. މާމެންދޫގައި ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރުކޮށްފިއެވެ.
މި އޮޕަރޭޝަނަކީ މަސްތުވާތަކެތީގެ ވިޔަފާރި ހުއްޓުވުމަށް މިއަހަރު ޖުލައި މަހުން ފެށިގެން ކުރަމުންދާ މަސައްކަތުގެ ތެރެއިން، އަޕަރ ސައުތު ޕޮލިސްގެ ގއ. އަތޮޅު ޕޮލިހާއި، ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް އަދި ޑްރަގް އެންފޯސްމެންޓް ގުޅިގެން ސެޕްޓެމްބަރު 2 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެކެވެ. މި އޮޕަރޭޝަނުގައި ކޯޓު އަމުރެއްގެ ދަށުން މާމެންދޫގެ ދެ ގެއެއް ވަނީ ބަލައިފާސްކޮށްފައެވެ.
ފުލުހުން ބުނީ، ބަލައިފާސްކުރި ދެ ގެއިން ވަގުތީ ބަރުދަނުގައި 17.7 ކިލޯގެ މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެހި ފެނިފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ގއ. މާމެންދޫ / ފިޔާތޮށިވިލާ، އަޒުހަދު ނަސީމް (29އ) އަދި އެ ރަށު ރޯޝަނީގެ، ރިޝްފާން ރާމިޒު (29އ) އެވެ. ފުލުހުން މަޢުލޫމާތު ދެއްވާ ގޮތުގައި މި ދެ މީހުންނަކީވެސް މަސްތުވާތަކެތި އެތެރެކޮށް ޓްރެފިކް ކުރާ މި ނެޓްވޯކުގައި އިސްކޮށް ހަރަކާތްތެރިވާ ކަމަށް ތުހުމަތުކުރެވޭ ދެ މީހުންނެވެ.
ހައްޔަރުކުރި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އެމީހުންގެ ބަންދަށް ކޯޓުން ވަނީ 5 ދުވަހުގެ މުއްދަތެއް ދީފައެވެ.
މި އޮޕަރޭޝަނުގެ ދަށުން އިތުރު ތަންތަން ބަލައިފާސްކުރުމުގެ މަސައްކަތް ފުލުހުން އަދިވެސް ދަނީ ކުރަމުންނެވެ. އަދި މި މައްސަލަ އަޕަރ ސައުތު ޕޮލިސްއާއި ޑްރަގް އެންފޯސްމެންޓް ގުޅިގެން އިތުރަށް ތަޙުޤީޤު ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.









