މަގުމަތީގެ ނުރައްކާތެރި އެކްސިޑެންޓްތަކުގައި ޒުވާނުންނާއި ކުޑަކުދިންގެ އަގުހުރި ފުރާނަ ގެއްލި، އެތައް އާއިލާއަކަށް ފޫނުބެއްދޭވަރުގެ ފުން ހިތާމަތަކެއް ކުރިމަތިވަމުންދާތީ، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް މޯލްޑިވްސް ޕޮލިސް ސާވިސްއިން މުހިންމު އިލްތިމާސްތަކެއް ކޮށްފިއެވެ.
ފުލުހުން ފާހަގަކުރި ގޮތުގައި މަގުމަތީގައި ހިނގާ މިފަދަ ހިތާމަވެރި ހާދިސާތަކަކީ ހަމައެކަނި "އިއްތިފާގެއް" ނޫނެވެ. މިއީ ގިނަ ފަހަރަށް މަގު ބޭނުންކުރާ ފަރާތްތަކުގެ ފަރުވާކުޑަކަމާއި، ޓްރެފިކް ގަވާއިދުތަކަށް ފުރިހަމައަށް ބޯނުލެނބުމުގެ ނަތީޖާއެވެ.
މަގުމަތީގެ ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި، އުޅަނދު ދުއްވާ ފަރާތްތަކުން ޚާއްޞަ ސަމާލުކަމެއް ދިނުމަށް ފުލުހުން ވަނީ އިރުޝާދު ދީފައެވެ. އެގޮތުން:
- ދުވެލި މަޑުކުރުން: "ލަސްވިޔަސް ސަލާމަތުން ދިއުން" އެއީ އަމަލީ އަސާސަކަށް ހެދުން.
- މޫސުމަށް ސަމާލުވުން: ވާރޭވެހި މަގުތައް ކައްސާ ހާލަތްތަކުގައި ދުވެލި މަޑުކުރުން.
- ރައްކާތެރި ދުރުމިނެއް ބެހެއްޓުން: ކުރީގައި ދަތުރުކުރާ އުޅަނދާ ދެމެދު ކުއްލިއަކަށް ހުއްޓޭ ހާލަތެއްގައިވެސް ރައްކާތެރިވާނެ ފަދަ އެކަށީގެންވާ ޖާގައެއް ބޭއްވުން.
- ގަވާއިދަށް ބޯލެނބުން: ޓްރެފިކް ނިޝާންތަކާއި ބައްތިތަކަށް ފުރިހަމައަށް ބޯލެނބުމާއި، ވަންވޭތަކުން އިދިކޮޅަށް ނުދުއްވުން.
- ނުރައްކާތެރި އޯވަޓޭކް ނުކުރުން: ވާތްފަރާތުންނާއި، ބްލައިންޑް ސްޕޮޓްތަކުން އަދި ކަންމަތިތަކުން ނުރައްކާތެރިކޮށް އޯވަޓޭކް ނުކުރުން.
- ސަމާލުކަން ދިނުން: އުޅަނދު ދުއްވަމުން ފޯނު، ހެޑްސެޓް ނުވަތަ އިއަރފޯން ފަދަ ތަކެތި ބޭނުންނުކުރުން.
- ރައްކާތެރިކަމުގެ ވަސީލަތްތައް: ހެލްމެޓް އަދި ސީޓްބެލްޓް އަބަދުވެސް ބޭނުންކުރުން.
- އުޅަނދު ބެލެހެއްޓުން: އުޅަނދުގެ ބުރަކިއާއި، ބޮކިތައް އަދި ސިގްނަލްތައް ރަނގަޅަށް މަސައްކަތްކުރޭތޯ ގަވާއިދުން ޗެކްކުރުން.
- އިޝާރާތް ދިނުން: އަޅަން ގަސްތުކުރާ ދިމާލަކަށް ދުރާލާ ސިގްނަލް ދިނުމާއި، ހިނގާ މީހުންނަށާއި ބޮޑެތި އުޅަނދުތަކަށް އިސްކަންދީ ޖާގަ ދިނުން.
- ހަމަބުއްދީގައި ދުއްވުން: މަސްތުވާތަކެތި ނުވަތަ ވިސްނުން ކުޑަވާ ފަދަ ބޭހެއް ބޭނުންކޮށްގެން ހުރެ އުޅަނދު ނުދުއްވުން.
މީގެއިތުރުން، މަގުހިނގާ ފަރާތްތަކުގެ ރައްކާތެރިކަމަށްވެސް ފުލުހުން ވަނީ މުހިންމު އިރުޝާދުތަކެއް ދީފައެވެ. އޭގެތެރޭގައި:
- ކަފިހިހުރަސް ބޭނުންކުރުން: މަގު ހުރަސްކުރުމުގައި އަބަދުވެސް ކަފިހިހުރަސް ބޭނުންކުރުން.
- ދެފަރާތް ބެލުން: މަގު ހުރަސްކުރުމުގެ ކުރިން ކަނާތްފަރާތާއި ވާތްފަރާތް އަދި އަލުން ކަނާތްފަރާތް ބަލައި މަގުމަތި އަމާންކަން ކަށަވަރުކުރުން.
- ސުމޭކީ ދުނިޔެއާ ދުރުވުން: ހިނގާފައި ދާއިރު އަދި މަގު ހުރަސްކުރާއިރު ފޯނަށް ސަމާލުކަން ނުދިނުން.
- ދުވެފައި މަގު ނުހުރަސްކުރުން: ކައްސާލައިގެން ވެއްޓުމުގެ ނުރައްކާ އޮތުމުން ދުވުމުގެ ބަދަލުގައި ހަލުވިކޮށް ފަރުވާތެރިކަމާއެކު ހިނގުން.
- ކުޑަކުދިންގެ ރައްކާތެރިކަން: ކުޑަކުދިން ގޮވައިގެން ހިނގާއިރު އެކުދިންގެ އަތުގައި ބާރަށް ހިފެހެއްޓުމާއި، އެކުދިން އަބަދުވެސް ފާރާވީ ފަޅީގައި (މަގުގެ އެތެރެއަށް ވާގޮތަށް) ބެހެއްޓުން.
ފުލުހުންގެ ބަޔާން ނިންމާލަމުން ފާހަގަކޮށްފައިވަނީ، މަގުމަތީގެ އަމާންކަމަކީ ހަމައެކަނި ގާނޫނާއި ފުލުހުންގެ ބާރުން އެކަނި ހާސިލުކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އެއީ ކޮންމެ ފަރުދެއްގެވެސް ހޭލުންތެރިކަމާއި އަނެކާއަށް ބަހައްޓާ އޯގާތެރިކަމުން ހޯދޭނެ ސަލާމަތެކެވެ.
ގެއިން ނުކުންނައިރު ތިމާގެ އިންތިޒާރުގައި ލޯބިވާ އާއިލާއެއް ތިބިކަމާއި، މަގުމަތިން ދިމާވާ ކޮންމެ މީހަކީވެސް ކޮންމެވެސް ބައެއްގެ މުޅި ދިރިއުޅުންކަން ހަނދާންކޮށް، ފަރުވާކުޑަ ސިކުންތުކޮޅެއްގެ ސަބަބުން މުޅި އުމުރަށް ހިތާމަކުރަންޖެހޭ ފަދަ ހާދިސާއެއް ހިނގިޔަނުދިނުމަށް ފުލުހުން ވަނީ އެންމެހައި ރައްޔިތުންނަށް އިލްތިމާސްކޮށްފައެވެ.









