ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ޗީފް ސްޓެޓިސްޓީޝަންގެ މަގާމަށް ޑރ. އަހުމަދު ރިޔާޒް ހަމަޖައްސައިފިއެވެ. ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ތަފާސްހިސާބުގެ ގާނޫނުގެ ދަށުން އެ މަގާމަށް ރިޔާޒު އައްޔަންކުރެއްވީ މިދިޔަ މަހުގެ 23 ވަނަ ދުވަހު ކަމަށެވެ. އޭނާ އެ މަގާމަށް އައްޔަން ކުރެއްވީ، ކުރިން އެ ޒިންމާތައް އަދާކުރެއްވި އައިޝަތު ހަސަންގެ މަގާމުގެ ދައުރު މިދިޔަ މަހުގެ ތެރޭގައި ހަމަވުމާ ގުޅިގެންނެވެ.
އެޑިއުކޭޝަނަލް ސައިކޮލޮޖީގެ ދާއިރާއިން ޕީއެޗްޑީ ހާސިލްކުރައްވާފައިވާ ޑރ. އަހުމަދު ރިޔާޒަކީ ތައުލީމީ އަދި އިދާރީ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވާފައިވާ ބޭފުޅެކެވެ. އޭނާ ވަނީ ހިސާބު ޓީޗަރުކަން ކުރައްވާފައެވެ. މީގެ އިތުރުން ނޭޝަނަލް އިންސްޓިޓިއުޓު އޮފް އެޑިއުކޭޝަން (އެންއައިއީ) ގެ ސީނިއާ ޕޮލިސީ އެގްޒެކެޓިވްގެ މަގާމުވެސް އޭނާ ވަނީ އަދާކުރައްވާފައެވެ.
ޗީފް ސްޓެޓިސްޓީޝަންގެ މައިގަނޑު ދައުރަކީ ރާއްޖޭގެ އިޖުތިމާއީ، އިގުތިސާދީ އަދި ތިމާވެއްޓާ ގުޅޭ އެކި ކަންކަމުގެ ތަފާސްހިސާބު އެއްކުރުމާއި އެ މައުލޫމާތުތައް ތަހުލީލުކޮށް އެނަލައިޒްކުރުމެވެ.
މީގެ ފަސް އަހަރު ކުރިން އަމަލުކުރަން ފެށި ތަފާސްހިސާބުގެ ގާނޫނުގެ މައިގަނޑު މަގުސަދަކީ ރާއްޖޭގެ ތަފާސްހިސާބުގެ ދާއިރާ އިތުރަށް ހަރުދަނާކޮށް، ގައުމުގެ މުހިއްމު މައުލޫމާތުތައް އެއް ހަމައެއްގައި އަދި އިތުބާރުހުރި ގޮތެއްގައި ފޯރުކޮށްދިނުން ކަމަށް ބަޔާންކޮށްފައިވެއެވެ.
ގާނޫނުގައިވާ ގޮތުން ޗީފް ސްޓެޓިސްޓީޝަނަކީ ސީދާ ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ މަގާމެކެވެ. އަދި އެ މަގާމުގައި ހުންނަވާ ބޭފުޅަކަށް ކަނޑައަޅާފައިވަނީ ސަރުކާރުގެ ޑެޕިއުޓީ މިނިސްޓަރަކަށް ލިބިވަޑައިގަންނަވާ މުސާރައާއި އެހެނިހެން އިނާޔަތްތަކެވެ.







