ވަޒީފާގެ ބާޒާރާއި ގުޅޭ މަޢުލޫމާތު އެއްކުރުމުގެ މަސައްކަތް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން ފަށައިފިއެވެ. "ލޭބަރ ފޯސް ސަރވޭ" ގެ ނަމުގައި ކުރިއަށްގެންދާ މި ދިރާސާ މާލެ ސަރަޙައްދުގެ ރެންޑަމްކޮށް ހޮވާލެވިފައިވާ ގޭބިސީތަކެއްގައި ކުރިއަށް ގެންދިޔުމުގެ މަސައްކަތް އެ އިދާރާއިން ވަނީ ފަށާފައެވެ.
މި ދިރާސާއަކީ ރާއްޖޭގެ ވަޒީފާގެ ބާޒާރާއި ގުޅޭ މުހިންމު ތަފާސްހިސާބު އެއްކުރުމަށްޓަކައި ކުރާ ޤައުމީ ދިރާސާއެކެވެ. މި ދިރާސާއިން އެއްކުރެވޭ މައުލޫމާތުން މަސައްކަތް ލިބިފައިވާ އާބާދީގެ ނިސްބަތް، މަސައްކަތްލިބިފައިނުވާ އާބާދީގެ ނިސްބަތް ފަދަ ވަޒީފާގެ ބާޒާރާއި ގުޅޭ އިންޑިކޭޓަރުތައް އެކުލަވާލެވޭނެ ކަމަށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް ބުނެއެވެ.
ދިރާސާގައި މައިގަނޑު ގޮތެއްގައި މަޢުލޫމާތު އެއްކުރެވޭނީ މީހުންގެ ޢާންމު މަޢުލޫމާތާއި، ހިޖުރަކުރުމާއި، ތަޢުލީމާއި، ވަޒީފާއާއި، ޢާމްދަނީ ހޯދުމުގެ މަސައްކަތްކުރާ އާބާދީގެ ތަފްޞީލާއި، ޢާމްދަނީ ލިބޭ މަސައްކަތް ހޯދައި އަދި ލިބިފައިނުވާ އާބާދީގެ ތަފްޞީލާއި ގުޅޭގޮތުންނެވެ. މީގެ އިތުރުން އާމްދަނީ ލިބޭ އަދި ޢާމްދަނީ ނުލިބޭގޮތަށް ކުރާ މަސައްކަތާއި، ގޭތެރޭގެ މަސައްކަތުގައި ވަގުތު ހޭދަކުރާ މިންވަރު އަދި ހަދި ހިލޭސާބަހަށް ކުރާ މަސައްކަތުގެ ތަފްޞީލުވެސް ހޯދޭނެ ކަމަށް އެފަރާތުން ބުނެއެވެ..
މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން ބުނީ މި ދިރާސާއަކީ "ދިވެހިރާއްޖޭގެ ތަފާސްހިސާބުގެ ޤާނޫނު" ގެ ދަށުން ހުއްދަ ލިބިގެން ކުރާ ދިރާސާއެއް ކަމަށާއި، އެއްކުރެވޭ ވަކިފަރުދެއް ނުވަތަ ގޭބިސީއެއްގެ މަޢުލޫމާތު ސިއަރު ކުރެވޭނެއެވެ.
މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން ވަނީ މި ދިރާސާއަށް މަޢުލޫމާތު ހޯދުމަށްޓަކައި ބައްދަލުކުރަން ބޭނުންވާ ގޭބިސީގެ މީހުންނާއި ފަސޭހައިން ބައްދަލުކުރެވޭނެ އިންތިޒާމް ހަމަޖައްސައި ދިނުމަށް އެދިފައެވެ.
މި ދިރާސާއިން ލިބޭ މަޢުލޫމާތަކީ ރާއްޖޭގެ ވަޒީފާގެ ބާޒާރުގެ ޙާލަތު ދެނެގަތުމަށާއި، އިޤްތިޞާދީ ސިޔާސަތުތައް އެކުލަވާލުމަށް ބޭނުންކުރެވޭނެ މުހިންމު މަޢުލޫމާތުތަކެކެވެ. އަދި މި މަޢުލޫމާތުގެ އަލީގައި ވަޒީފާގެ ފުރުޞަތުތައް އިތުރުކުރުމަށާއި، ވަޒީފާ ނެތް މީހުންނަށް ވަޒީފާ ހޯދައިދިނުމަށް ކުރެވިދާނެ ކަންކަން ދެނެގަނެވޭނެއެވެ.






