ދުނިޔޭގެ ދިފާއީ ސިނާއަތުގައި ބޮޑުބަޑީގެ ވަޒަންތަކާއި މޯޓަރު ވަޒަން އުފެއްދުމުގެ ދާއިރާއިން އެމެރިކާއާއި ޔޫރަޕް ފަހަތަށް ޖައްސާލުމަށްފަހު، ތުރްކިޔޭއިން ދުނިޔޭގެ އެއްވަނަ މަގާމު ހާސިލުކޮށްފިއެވެ. ތުރްކިޔޭގެ އެންމެ ފެކްޓަރީއަކުން ވެސް މަހެއްގެ މައްޗަށް އުފައްދާ ބޮޑުބަޑީގެ ވަޒަނުގެ އަދަދު މުޅި އެމެރިކާ ބައްރުގައި މަހެއްގެ މައްޗަށް އުފައްދާ ޖުމްލަ އަދަދަށް ވުރެ އިތުރެވެ.
ތުރްކިޔޭއިން އުފައްދާ މިސައިލްތައް ހަނގުރާމަތީ ޖެޓެއްގައި ހަރުކޮށްގެން އުދުހެނީ
ބޮޑުބަޑިއާއި މޯޓަރު ވަޒަން އުފައްދާ ދުނިޔޭގެ މިހާރު އެއްނަމްބަރު ކުންފުނި ކަމަށްވާ ތުރުކިޔޭގެ އާރްކާ ސަވުންމާ އަކީ އެއްފުރާޅެއްގެ ދަށުން 60 އެމްއެމް އިން ފެށިގެން 155 އެމްއެމްގެ ވަޒަނާއި 122 އެމްއެމްގެ ރޮކެޓް އުފެއްދުމުގެ އިތުރުން، C4 ޕްލާސްޓިކް އެކްސްޕްލޯސިވް އުފައްދާ ފުރަތަމަ ކުންފުންޏެވެ.
މިލިޓަރީ ރިޕޯޓުތައް ބުނާ ގޮތުގައި ތުރްކިޔޭގެ ކުންފުނިން ދަނީ ބޭރު ގައުމުތަކާއެކު ބިލިއަން ޑޮލަރުގެ ބޮޑެތި އެއްބަސްވުންތައް ކާމިޔާބުކުރަމުންނެވެ. އޭގެ ތެރޭގައި ބަލްގޭރިއާއާއެކު ހެދި 2.2 ބިލިއަން ޑޮލަރުގެ އެއްބަސްވުމާއި، އެމެރިކާގެ ކުންފުންޏަކާއެކު ހެދި 1.2 ބިލިއަން ޑޮލަރުގެ އެއްބަސްވުން ހިމެނެއެވެ. އަދި ޔޫރަޕްގެ ސަލާމަތީ ކަންކަން ވަރުގަދަކުރުމަށްޓަކައި އެސްޓޯނިއާގައި 300 މިލިއަން ޑޮލަރުގެ އާ ފެކްޓަރީއެއް އެޅުމުގެ މަސައްކަތް ވެސް ތުރްކިޔޭ އިން ދަނީ ކުރަމުންނެވެ.









