ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޤާނޫނަށް (ޤާނޫނު ނަންބަރު 2019/14) 2 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަޞްދީޤުކުރައްވައިފިއެވެ. މި ބިލު ތަޞްދީޤުކުރައްވާފައިވަނީ އެކަމަށްޓަކައި މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.
މި ބިލަކީ 2026 އޮގަސްޓު 26 ވީ ބުދަ ދުވަހު ބޭއްވި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ 28 ވަނަ ޖަލްސާއިން ފާސްކުރެއްވި ބިލެކެވެ. މިއަދު މި ބިލު ތަޞްދީޤުކޮށް ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރުމާއެކު، މި އިޞްލާޙަށް މިހާރު ވަނީ އަމަލުކުރަން ފަށާފައެވެ.
އާ އިޞްލާޙުގެ ދަށުން ގެނެވުނު މުހިންމު ބަދަލުތައް:
- ޤާނޫނު ތަންފީޒުކުރުމާއި ފިޔަވަޅުއެޅުން: ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ޤާނޫނާ ޚިލާފަށް ހަރަކާތްތެރިވާ ބޭރުގެ މަސްވެރި އުޅަނދުތަކާމެދު އިދާރީ ފިޔަވަޅު އެޅުމުގައި އެ އުޅަނދެއްގެ "ފްލޭގް ސްޓޭޓް" ޒިންމާދާރުކުރެވޭނެ ހަމަތައް ވަނީ ކަނޑައަޅާފައެވެ. އަދި ޤާނޫނާ ޚިލާފުވާ ފަރާތްތަކުގެ ކުށް ކަނޑައަޅައި، އެ ކުށުގެ އަދަބާއި ޖޫރިމަނާގެ އަދަދުތަކަށް ވަނީ އިޞްލާޙު ގެނެސްފައެވެ.
- މަސްވެރިކަމުގެ ބަނދަރުތައް: މަސްވެރި އުޅަނދުފަހަރު ރައްކާތެރިކަމާއެކު ބަނދަރުކުރުމަށާއި، މަސްވެރިކަމަށް ޚާއްޞަ ޚިދުމަތްތައް ލިބޭނެ މަސްވެރިކަމުގެ ބަނދަރުތައް ތަރައްޤީކޮށް ހިންގުމުގެ ފުރުޞަތު ހުޅުވިގެންދާނެއެވެ.
- އެކުއަކަލްޗަރއާއި ކުޅިވަރު މަސްވެރިކަން: އެކުއަކަލްޗަރކުރުމަށް ސަރަޙައްދުތައް ކުއްޔަށް ދޫކުރެވޭ ގޮތްތައް ފުޅާކޮށްފައިވެއެވެ. މީގެ އިތުރުން މުނިފޫހިފިލުވުމަށާއި ކުޅިވަރަށް ކުރާ މަސްވެރިކަމުގެ ޙަރަކާތްތަކާއި އެފަދަ ފެސިލިޓީތައް ތަރައްޤީކޮށް ހިންގުމުގެ އުސޫލުތައް ކަމާގުޅޭ ވުޒާރާއިން އެކުލަވާލަންޖެހޭނެއެވެ.
- ހިމާޔަތްކުރެވިފައިވާ ސަރަހައްދުތައް: ހިމާޔަތްކުރެވިފައިވާ ސަރަހައްދުތަކުގައި ކުރުން ހުއްދަކުރެވިފައިވާ މަސްވެރިކަމާއި އެކުއަކަލްޗަރކުރުމުގެ އުސޫލުތައް ސާފުކޮށް ބަޔާންކޮށްފައިވެއެވެ.
މި އިޞްލާޙުތަކާއި ގުޅިގެން އަލަށް އެކުލަވާލަންޖެހޭ ގަވާއިދުތަކާއި އުސޫލުތައް، ޤާނޫނަށް ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައި އެކުލަވާލައި، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރަންޖެހޭނެއެވެ.









