ރާއްޖޭގެ އިންޖިނީރިނގެ އެކި ދާއިރުާތަކުން ތަހުލީލާއި ދިރާސާކުރެވޭނެ ފެންވަރުގެ ލެބޯރޓަރީއެއް ގާއިމުކުރުމަށް ނިންމަވާފަވާކަން، އިންޖިނިރުންގެ ދުވަހުގެ ތަހުނިޔާ ކިޔުމަށް މިއަދު މީސްމީޑިއާގައި ޕޯސްޓުކުރި ވީޑއޯގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއުލާންކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ސޯށަލް މީިޑިއާގައި ޕޯސްޓުކުރައްވާފައިވާ ވިޑިއޯގައި ވާހަކަ ދައްކަވަމުން ވިދާޅުވީ، ކުރިޔަށް އޮތް ދުވަސްތަކުގައި އެކި ދާއިރާތަކުން ތަހުލީލކުރެވޭ އަދި ދިރާސާތައްކުރެވޭ ސްޓޭޓް އޮފް ދި އާރޓް ނުވަތަ އެންމެ މަތީ ފެންވަރުގެ ލެބޯޓަރީ ފެސިލޮިޓީއެއް ތަރައްގީކުރަން ނިންމާފައިވާކަމަށެވެ. އަދި މި ލެބޯޓަރީ ވެގެންދާނީ ދިވެހި ދަރިވަރުންނަށާއި، ރާއްޖެއިން ބޭރުގެ ފަރާތްތަކަށްވެސް އިންޖިނިއަރިން ދާއިރާއާ ގުޅުންހުރި އެކި ކަހަލަ ދިރާސާތަކާއި ތަހުލީލުތައް ކުރެވޭނެ ތަނަކަށްކަމަށެވެ.
މި ލެބޯޓަރީގެ މަސައްކަތަށް ބޭނުންވާ ފަންނީ މަސައްކަތްތަކާއި، އިންވެސްޓްމަންޓްގެ މަސައްކަތް ސަރުކާރުން ކުރިއަށްގެންދާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ. އަދި އެމަސައްކަތް ކުރެއްވުމަށް ނިންމަވާފައިވަނީ ސަރުކާރުގެ ބަޖެޓަށް ބުރަނުވާނެހެން ދެމެހެއްޓެނިވި ގޮތަކަށްކަމަށް ވިދާޅުވިއެވެ.
މިއަދު ފާހަގަކުރަމުންދާ ގައުމީ އިންޖިނީރުންގެ ދުވަހުގެ މުނާސަބަތުގައި ސޯށަލް މީޑިއާގައި ޕޯސްޓު ކުރެއްވި ވީޑިއޯ މެސެޖުގައި ވިދާޅުވީ، ރާއްޖޭގެ އިންޖިނީރިން ދާއިރާ ތަރައްގީކުރުމަށް ބޭނުންވާ އެހީތެރިކަން ސަރުކާރުން ފޯރުކޮށްދޭނެކަމުގައިއެވެ. އަދި މި ޕޯސްޓުގައިވަނީ ރާއްޖޭގެ އިންޖިނީރުންނަށާއި، އެ ދާއރިާއިން ކިޔަވަމުންދާ ދަރިވަރުންނާއި، އެ ދަރިވަރުން ތަމުރީނުކުރުމުގެ މަސައްކަތް ކުރަމުންދާ ހުރިހާ ފަރާތްތަކަށްވެސް ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ ދަންނަވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އިންޖިނިއަރިން ދާއިރާއިން މަތީ ތައުލީމު ހާސިލުކުރާ ކުދިންގެ އަދަދު އިތުރުވެގެންދިޔުމަކީ އެދިވަޑައިގަންނަވާ ކަމެއްކަމަށާޢި އަކަމަށް ސަރުކާރުގެ ފަރާތުން އެހީތެރިކަންފޯރުކޮށްދޭން ޖެހޭކަމަށް ގަބޫލުކޮށް އެކަމުގެ މަސައްކަތް ކުރިޔަށްދާކަމެވެ.
ރައީސް ވަނީ ރާއްޖޭގެ އިންޖިނޭރުންގެ ދުވަހަކީ ކޮންމެ އަހަރެއްގެ އޮގަސްޓް މަހުގެ 30 ވަނަ ދުވަހުގެ ގޮތުގައި ހަމަޖައްސަވާފައެވެ. އެދުވަހަކީ ރާއްޖޭގައި ކުރިއަށްގެންދިޔަ ޢުމްރާނީ ތަރައްގީގެ އެންމެ ބޮޑު އެއް މަޝްރޫއުކަމުގައިވާ ސިނަމާލެ ބުރިޖުގެ މަސައްކަތް ނިންމާ ރަސްމީކޮށް ހުޅުވި ތާރީހީ ދުވަހެވެ.









