މެދުތެރެއާއި އިރުމަތީ ޕެސިފިކް ކަނޑުގެ މަތީ ފަށަލަ ހޫނުވުމަށް މެދުވެރިވާ މޫސުމީ ބަދަލު ކަމަށްވާ "އެލް-ނީނޯ" ގެ ބާރު ގަދަވަމުންދާތީ، ރާއްޖޭގެ ހޫނުމިން މައްޗަށް ގޮސްދާނެ ކަމަށް ލަފާކޮށް ދުރާލާ އެކަމަށް ތައްޔާރުވުމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން މިއަދު އިލްތިމާސްކޮށްފިއެވެ.
މެޓް އޮފީހުން ހާމަކުރި ގޮތުގައި، އިރުމަތީ އިކުއެޓޯރިއަލް ޕެސިފިކް ސަރަހައްދުގެ ކަނޑުގެ މަތީ ފަށަލައިގެ ހޫނުމިން މިހާރު ވަނީ އާންމު މިންވަރަށް ވުރެ 2.0 ޑިގުރީ ސެލްސިއަސް އިތުރުވެފައެވެ. އަދި އެ އިދާރާއިން ދަނީ އެލް-ނީނޯގެ ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ.
ކުރިއަށް އޮތް ސެޕްޓެމްބަރު މަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށް ލަފާކުރެވޭ މޫސުމަށް ބަލާއިރު، މި ދުވަސްވަރު އެލް-ނީނޯގެ ސަބަބުން މުޅި ރާއްޖޭގެ ހޫނުމިން އާންމުކޮށް ހުންނަ މިންވަރަށް ވުރެ މަތީގައި ހުންނާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. ވާރޭވެހޭނެ ކަމަށް ލަފާކުރެވޭ މިންވަރަށް ބަލާއިރު، ރާއްޖޭގެ އުތުރާއި މެދުރާއްޖެތެރޭގެ ބައެއް ރަށްތަކަށް އާންމުކޮށް ވެހޭ މިންވަރަށް ވުރެ އިތުރަށް ވާރޭވެހުން އެކަށީގެންވާ ނަމަވެސް، ދެކުނުގެ އަތޮޅުތަކަށް ވާރޭވެހޭ މިންވަރު އާންމު މިންވަރަށް ވުރެ މަދުވާނެ ކަމަށް މެޓް އޮފީހުން ބުނެއެވެ.
މި މޫސުމީ ބަދަލުގެ ސަބަބުން ރާއްޖޭގެ އިގުތިސާދުގެ މައި ތަނބުތައް ކަމުގައިވާ ފަތުރުވެރިކަމާއި، މަސްވެރިކަން އަދި ދަނޑުވެރިކަމުގެ ސިނާއަތަށް ބޮޑެތި އަސަރުތަކެއް ކުރާނެ ކަމަށް މެޓް އޮފީހުން ވަނީ ފާހަގަކޮށްފައެވެ. އެގޮތުން ވައިގެ ހޫނުމިން އިތުރުވުމުގެ ސަބަބުން ކަނޑުގެ ލޮނުގަނޑު އާދަޔާ ޚިލާފަށް ހޫނުވެ، ފަރުތަކުގެ ދިރުމަށް ނުރައްކާވެ، މުރަކަ ހުދުވުމުގެ ފުރުސަތު ބޮޑުވެގެންދާނެއެވެ. މިއީ ތިމާވެއްޓާ ގުޅިފައިވާ ފަތުރުވެރިކަމަށް ލިބިގެންދާނެ ބޮޑު ގެއްލުމެކެވެ.
މީގެ އިތުރުން، ކަނޑުގެ އޮއިވަރަށާއި ހާލަތަށް އަންނަ ބަދަލުތަކުގެ ސަބަބުން މަސްވެރިކަމަށް ނޭދެވޭ އަސަރުކުރާނެ ކަމަށާއި، ވާރޭވެހޭ މިންވަރަށް އަންނަ ބަދަލުތަކުގެ ސަބަބުން ދަނޑުވެރިކަމުގެ ސިނާއަތަށް ވެސް ދަތިތަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް އެ އިދާރާއިން ބަޔާންކުރެއެވެ. ހަމައެއާއެކު، ހޫނުމިން މަތިވުމާ ގުޅިގެން ގޭބިސީތަކާއި އޮފީސްތައް ފިނިކުރުމަށް ބޭނުންކުރާ ހަކަތައިގެ މިންވަރު އިތުރުވެ، ކަރަންޓު އުފައްދާ ނިޒާމުތަކަށް ބާރުބޮޑުވެގެންދާނެތީ، އެކަންކަމަށް ވިސްނައިގެން ހުރިހާ ފަރާތްތަކުން ވެސް ދުރާލާ ފިޔަވަޅުތައް އެޅުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.









