އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ޢަބްދުލްޢަޒީޒު ޖަމާލް އަބޫބަކުރު އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފިއެވެ. މަޖިލީހުގެ ތަޅުމުގައި މިއަދު ކުރިއަށްދިޔަ ވޯޓުލުމުގައި އޭނާ އެ މަގާމަށް އައްޔަންކުރުމަށް ފާސްވީ ޖަލްސާގައި ބައިވެރިވެވަޑައިގަތް މެންބަރުންގެ ތެރެއިން 47 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. އޭނާ އެ މަގާމަށް އައްޔަންކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވީ 11 މެންބަރުންނެވެ.

މި މައްސަލަ ދިރާސާކުރި މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ވެސް ވަނީ އޭނާއަށް ރުހުން ދޭން ފެންނަ ކަމަށް ނިންމީ އެ ކޮމިޓީން ކުރިއަށްގެންދިޔަ އިންޓަވިއު މަރުހަލާގައި އޭނާއަށް 75 އިންސައްތައަށް ވުރެ މަތިން މާކްސް ލިބިވަޑައިގެންފައިވާތީއެވެ.

ޢަބްދުލްޢަޒީޒަކީ މީޑިއާގެ ދާއިރާގައާއި ދައުލަތުގެ އެކި މުއައްސަސާތަކުގެ އިސް މަގާމުތަކުގައި ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތް ކުރައްވާފައިވާ، ތަޖުރިބާކާރު ބޭފުޅެކެވެ. އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ބޭފުޅަކު އައްޔަންކުރަން މަޖިލީހުން މި ފާސްކުރީ، މިހާރު އެ މަގާމުގައި ހުންނެވި ބޭފުޅާގެ ދައުރު ހަމަވާތީއެވެ. މަޖިލީހުން ރުހުން ދިނުމާ ގުޅިގެން، ރަސްމީކޮށް އޭނާ މަގާމަށް އައްޔަންކުރައްވާނީ ރައީސުލްޖުމްހޫރިއްޔާއެވެ.