ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންގެ މުސާރައާއި ސާވިސް ޗާޖު ދިވެހި ރުފިޔާއިން ދިނުމަށް މަޖުބޫރުވާ ގޮތަށް ސަރުކާރުން ކުރަމުންދާ އެންމެހާ މަސައްކަތްތައް ވަގުތުން ހުއްޓާލުމަށް ޓޫރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީއީއޭއެމް) އިން ގޮވާލައިފިއެވެ.
ޓީއީއޭއެމް އިން މިކަމަށް ގޮވާލާފައި ވަނީ މީސްމީޑިއާ މެދުވެރިކޮށް އާންމުކުރި ބަޔާނެއްގައެވެ.
އެ ޖަމްޢިއްޔާއިން ނެރުނު ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި، ރިސޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ މުސާރައާއި ސާވިސް ޗާޖު ދިވެހި ރުފިޔާއަށް ބަދަލުކުރުމަކީ އެ މުވައްޒަފުންނަށް ލިބޭ އާމްދަނީ ދަށްވެ، މާލީ ގޮތުން ބޮޑެތި ބުރަތަކަކާއި ތަކުލީފުތަކެއް އުފުލަންޖެހޭނެ ކަމެކެވެ. އެހެންކަމުން، މުވައްޒަފުންގެ ހައްގުގައި މި ބަދަލާ ދެކޮޅުހަދާ ކަމަށް އެ ޖަމްޢިއްޔާއިން ވަނީ ބުނެފައެވެ.
ނަމަވެސް، ރަސްމީ ރޭޓުގައި މުވައްޒަފުންނަށް ފަސޭހަކަމާއެކު ޑޮލަރު ލިބޭނެ އިންތިޒާމު ހަމަޖެހިފައިވާ ނަމަ، މުސާރަ ދިވެހި ރުފިޔާއިން ލިބުމަކީ މައްސަލައެއް ނޫން ކަމަށާއި، މިހާރު އޮތް ހާލަތުގައި އެ ޔަގީންކަން ނެތުމުން މިކަމާ ދެކޮޅުހަދަން މަޖުބޫރުވާ ކަމަށްވެސް އެ ޖަމްޢިއްޔާއިން ބުނެފައިވެއެވެ.









