ދުނިޔޭގެ ނަން މަޝްހޫރު ފޯބްސް ޓްރެވަލް ގައިޑްގެ 2026 ވަނަ އަހަރުގެ "އެޖް ލިސްޓު" ގައި ރާއްޖޭގައި ސޮނޭވާއިން ހިންގަމުން އަންނަ ތިން ރިސޯޓެއް ކަމަށްވާ ސޮނޭވާ ފުށި، ސޮނޭވާ ޖާނީ އަދި ސޮނޭވާ ސީކްރެޓް ހިމެނިއްޖެއެވެ.
މި ލިސްޓަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވާ ހާއްސަ މަންޒިލްތަކާއި، ދަތުރުވެރިންނަށް މާނަވީ ތަޖުރިބާތަކެއް ފޯރުކޮށްދޭ އެންމެ މަތީ ފަންތީގެ ފަތުރުވެރިކަމުގެ ހިދުމަތްތައް ފާހަގަކޮށް އެކުލަވާލާފައިވާ ލިސްޓެކެވެ. މިހާރު ދެވަނަ އަހަރަށް ކުރިއަށްދާ "އެޖް ލިސްޓު" ގައި ހާއްސަ އަހައްމިއްޔަތުކަމެއް ދީފައިވަނީ "ކުރޭޓެޑް ޖަރނީސް" ނުވަތަ ހާއްސަކޮށް ރޭވިގެން ކުރެވޭ ދަތުރުތަކަށެވެ. މީގެ ތެރޭގައި އާދައިގެ ފަތުރުވެރިކަމުގެ އިމުން ބޭރުން، ގުދުރަތީ މާހައުލާއި ސަގާފަތް އެކުލެވޭ ފުރިހަމަ ތަޖުރިބާތައް ފޯރުކޮށްދޭ ހޮޓެލްތަކާއި ކްރޫޒްތައް ފާހަގަކުރެވެއެވެ.
ފޯބްސްއިން މި ލިސްޓު އެކުލަވާލަނީ ހަތަރު މައިގަނޑު އަސާސެއްގެ މައްޗަށް ބިނާކޮށެވެ. އެއީ ހާއްސަ ފުރުސަތުތައް ފަހިކޮށްދިނުމާއި، އީޖާދީ އާ ގޮތްތައް ތައާރަފުކުރުމާއި، ތިމާވެށި ރައްކާތެރިކުރުމުގެ އިތުރުން މަތީ ފަންތީގެ ތަޖުރިބާތައް ފޯރުކޮށްދިނުމެވެ.
މި ލިސްޓުގައި ހިމެނުނު ބާ އަތޮޅުގެ ޔޫނެސްކޯ ބަޔޮސްފިއާ ރިޒާވްގައި އޮންނަ ސޮނޭވާ ފުށި ފާހަގަކޮށްފައިވަނީ، އެ ރިސޯޓުގެ ފުރިހަމަ ލަގްޒަރީ ހިދުމަތްތަކާއި، ގުދުރަތީ މާހައުލުގެ އިތުރުން ތިމާވެށި ރައްކާތެރިކުރުމަށް އެ ރިސޯޓުން ކުރާ ދިގު މުއްދަތުގެ މަސައްކަތްތަކުގެ ސަބަބުންނެވެ. ސޮނޭވާ ފުއްޓަކީ ޖަންގަލީގެ ތެރޭގައިވާ ވިލާތަކާއި، މޫދު ވިލާތަކުގެ އިތުރުން ކަނޑުގެ މާހައުލާ ގުޅޭ ތަފާތު ތަޖުރިބާތަކަށް މަޝްހޫރު ރިސޯޓެކެވެ.
ނޫނު އަތޮޅުގައިވާ ސޮނޭވާ ޖާނީ ފާހަގަކުރެވިފައިވަނީ އެ ރިސޯޓުގެ ހިތްގައިމު މޫދު ވިލާތަކާއި، ސީލިންގް ހުޅުވާލައިގެން ތަރި ބެލޭގޮތަށް ހަދާފައިވާ ކޮޓަރިތަކުގެ އިތުރުން، ވެލްނަސް ޚިދުމަތްތަކާއި މޫދު ކުޅިވަރުގެ ތަފާތު ހަރަކާތްތަކާ ގުޅިގެންނެވެ.
މީގެ އިތުރުން، އެކަހެރި މަކުނުދޫ އަތޮޅުގައި އޮންނަ ސޮނޭވާ ސީކްރެޓް މި ލިސްޓުން ޖާގަ ހޯދާފައިވަނީ އެ ރިސޯޓުގެ އެކަހެރިކަމާއި، މީހުން މަދު ޕްރައިވެޓް މާހައުލުގެ ސަބަބުންނެވެ. އެންމެ 13 ވިލާ ހިމެނޭ މި ރިސޯޓަކީ ގުދުރަތީ ގޮތުން މުއްސަނދި ކަނޑުގެ މާހައުލެއް ތަޖުރިބާކޮށްލުމުގެ ފުރުސަތު ފަހިކޮށްދޭ ތަނެކެވެ.
ފޯބްސް ޓްރެވަލް ގައިޑުން ވަނީ ސޮނޭވާގެ "އައިލެންޑް ޓު އައިލެންޑް" ތަޖުރިބާއަށްވެސް ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދީފައެވެ. މިއީ ސީޕްލޭން ނުވަތަ ޕްރައިވެޓް ޔޮޓުގައި ސޮނޭވާގެ އެކި ރިސޯޓުތަކަށް ދަތުރުކޮށް، އެކި ރަށްރަށުގައި ތިބެވޭގޮތަށް ފަރުމާކޮށްފައިވާ ހާއްސަ ޕެކޭޖެކެވެ.
މި ކާމިޔާބީއާ ގުޅިގެން ސޮނޭވާގެ ސީއީއޯ ނީލް ގަލަގަރ ވިދާޅުވީ، ސޮނޭވާގެ އަމާޒަކީ އީޖާދީ ގޮތްތަކާއި، ތިމާވެށި ރައްކާތެރިކުރުމާއި، އަދި ތަންތަން ހޯދައި ބެލުމުގެ ޝައުގުވެރިކަމާއެކު ފަތުރުވެރިން ބޭނުންވާފަދަ އަގުހުރި ތަޖުރިބާތަކެއް ފޯރުކޮށްދިނުން ކަމަށެވެ.
ފޯބްސްގެ މި ލިސްޓުން ސޮނޭވާގެ ތިން ރިސޯޓަކަށް ޖާގަ ލިބިގެންދިޔުމަކީ ބައިނަލްއަގްވާމީ ފަތުރުވެރިކަމުގެ މައިދާނުގައި ދިވެހިރާއްޖޭގެ މަގާމު އިތުރަށް ވަރުގަދަވެ، މަތީ ފަންތީގެ ފަތުރުވެރިކަމުގައި ރާއްޖޭގެ ގުދުރަތީ މާހައުލު އަދާކުރާ މުހިއްމު ދައުރު މުޅި ދުނިޔެއަށް އަނެއްކާވެސް ހާމަވެގެންދިޔަ ކަމެކެވެ.









