އަޅުގަނޑުމެން ލިޔާ ކޮންމެ އެއްޗަކީވެސް އަޅުގަނޑުމެން އެޔަށް ޖަވާބުދާރީ ވާންޖެހޭނެ އެއްޗެއްކަމަށާއި، އެއީ ހަމައެކަނި މި ދުނިޔޭގައި ނޫންކަމުގައި ހެރިޓޭޖް މިނިސްޓްރީން ބާއްވާ މީޑިއާ މަސައްކަތު ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ އައްބާސް އިބްރާހީމް ވިދާޅުވެއްޖެއެވެ.
މިބައްދަލުވުމަަކީ ހެރިޓޭޖް މިނިސްޓްރީން ކުރަމުންދާ މަސައްކަތާއި، ފޯރުކޮށްދޭ ތަފާތު ހިދުމަތްތަކުގެ މައުލޫމާތު ވީހާވެސް ހަލުވިކަމާއި ހާމަކަން ބޮޑު ގޮތެއްގައި އާމުންނަށް ގެނެސްދިނުމުގެ މަގުސަދުގައި އަލަށް ފައްޓަވާފައިވާ ހަރަކާތެކެވެ. އަދި މިއީ މީޑިއާގެ ދާއިރާއިން ވުޒާރާގެ ހިންގުން އިތުރުކޮށް، ހަރުދަނާ ކުރުމަށް އިސްކަމެއްދެއްވައިގެން ކުރިޔާ ގެންދާ މަސައްކަތެއްވެސް މެއެވެ.
މި މަސައްކަތް ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން، ނޢޢވ އައްބާސް އިބްރާހިމް ވިދާޅުވީ، މީޑީއާއަކީ ދުވަހެއް ދުވަހަކަށް ޑިޖިޓަލް މަންސާތަކުގައި ކުރިއަރުމްދާ އެއްޗެއްކަމަށާއި، މިއީ އެއްވެސް ވަރަކަށް ފަރުވާކުޑަކުރުމެއްނެތި މަސައްކަތް ކުރަންޖެހޭ ދާއިރާއެއްކަމަށެވެ. މީގެ އިތުރުން އައްބާސް ދެއްކެވި ވާހަކައިގައި ވަނީ މީޑީއާގެ ދާއިރާއިން މައުލޫމާތު ފެތުރުމުގައި ސަމާލުކަން ދޭންޖެހޭ މުހިއްމު ކަންތައްތަކަށް އަލިއަޅުވާލާފައިއެވެ.
"މީޑިއާގައި މަސައްކަތްކުރާ މީހުންގެ ޒިންމާތަކެއް އެބަ އޮވޭ. ތެދުވެރިވުން، ވަފާތެރިވުން، ހަގީގަތް ހާމަކުރުން، އަމިއްލަ ހިޔާލާއި އަމިއްލަ އެދުންތައް ހަބަރުގެ ތެރެއަށް ނުވެއްދުން، އެހެންމީހުންގެ އިއްޒަތާއި އަބުރަށް ރައްކާތެރިވުން މިއީ އަޅުގަނޑުމެން މިޑިއާގެ މަސައްކަތް ކުރާއިރު ވިސްނަންޖެހޭ ކަންކަން. ހަމައެއާއިއެކީގައި އަޅުގަނޑުމެން ލިޔާ ކޮންމެ އެއްޗަކީވެސް އަޅުގަނޑުމެން އެއަށް ޖަވަބުދާރީ ވާންޖެހޭނެ އެއްޗެއް. އެއީ، ހަމައެކަނި މިދުނިޔެއަކު ނޫން. އާހިރަތުގައިވެސް ޖަވާބުދާރި ވާންޖެހޭނެ"
ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ އައްބާސް އިބްރާހީމް
ނޢޢވ އައްބާސް އިބްރާހިމްއަކީ ނޫސްވެރިކަމުގެ ދާއިރާއިން 50 އަހަރުގެ ތަޖުރިބާކާރެކެވެ.
އެ މިނިސްޓްރީގެ ދަށުގައިވާ ހުރިހާ މުއައްސަސާއަކަށް ހުޅުވާލައިގެން ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ބައްދަލުވުމުގައި މަޢުލޫމާތު ހާމަކުރުމުގެ އިތުރުން ޚަބަރާއި ރިޕޯޓު ލިޔުމުގެ ހުނަރުތައް ދަސްކޮށްދޭނެއެވެ. މީގެއިތުރުން ފޮޓޯ ނެގުމާއި، ވީޑިއޯ ކުރުމާއި، ޕޯސްޓަރު ތައްޔާރުކުރުން ފަދަ މީޑިއާއާ ގުޅުންހުރި މުހިންމު އެހެނިހެން މަސައްކަތްތައް ވެސް ދަސްކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.
އޭގެތެރޭގައި ނެޝަނަލް ސެންޓަރ ފޮރ ކަލްޗަރަލް ހެރިޓޭޖް (އެންސީސީއެޗް)، ގައުމީ ކުތުބުހާނާ، ދިވެހިބަހުގެ އެކެޑަމީ، ގައުމީ އަރުޝީފު އަދި އޮލިމްޕަސް ހިމެނެއެވެ.
މިމަސައްކަތު ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތުގައި އެ މިނިސްޓްރީގެ އިސްވެރިންނާއި، ގައުމީ ކުތުބުހާނާގެ އިސްވެރިންނާއި މުވައްޒަފުން ބައިވެރިވިއެވެ.



