ރޭ ފަތިހުގެ ވަގުތެއްގައި މާލޭގެ ގެއެއްގައި ހިނގި އަލިފާނުގެ ނުރައްކާތެރި ހާދިސާއާ ގުޅިގެން ހާލުގައި ޖެހުނު މީހުންގެ ތެރެއިން، 26 މީހަކަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން އެހީތެރިކަން ފޯރުކޮށްދޭން ފަށައިފިއެވެ.
މި ހާދިސާ ހިނގާފައިވަނީ މާވެޔޮމަގުގައި ހުންނަ އޭޑީކޭ ފާމަސީ ކުރިމައްޗަށް އޮންނަ ހަނި ގޯޅިގަނޑެއްގެ ތެރޭގައި ހުރި މއ. ދޫގަސްވިލާގައެވެ. ދެ ފަންގިފިލާއަށް ހަދާފައިވާ މި އިމާރާތުގައި ރޯވި އަލިފާންގަނޑު މިހާރު ވަނީ އެއްކޮށް ކޮންޓްރޯލް ކުރެވިފައެވެ. އަދި ހާދިސާ ހިނގި ވަގުތުން ފެށިގެން އެންޑީއެމްއޭގެ އިމަޖެންސީ މެނޭޖްމަންޓް ޓީމުން ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.
އެންޑީއެމްއޭ އިން މައުލޫމާތު ދެއްވި ގޮތުގައި، އަލިފާން ފުރަތަމަ ރޯވި މއ. ދޫގަސްވިލާގެ 5 ކޮޓަރިއެއްގައި ދިރިއުޅެމުންދިޔަ 15 ބިދޭސީން ވަނީ ވަގުތުން ރައްކާތެރިކަމާއެކު އެތަނުން އިވެކުއޭޓްކޮށްފައެވެ. ނަމަވެސް، މި ހާދިސާއާ ގުޅިގެން އެ އިމާރާތުގައި ދިރިއުޅުނު 4 މީހަކަށް އެކިވަރުގެ އަނިޔާތައް ލިބިގެން ވަނީ އައިޖީއެމްއެޗަށް ގެންގޮސްފައެވެ. އޭގެ ތެރޭގައި ހިމެނެނީ އިންޑިއާގެ 3 މީހުންނާއި ސްރީލަންކާގެ މީހެކެވެ. މީގެ ތެރެއިން އެކެއްގެ ހާލު ސީރިއަސްވެ، ވެންޓިލޭޓަރުގައި ފަރުވާދެމުން އަންނައިރު، އަނެއް ތިން މީހުންނަށް ދަނީ ފިހިގެން ލިބުނު އަނިޔާތަކަށް ފަރުވާ ދެމުންނެވެ.
މީގެއިތުރުން، އަލިފާން ރޯވި އިމާރާތާ އިންވެގެން ހުރި އިމާރާތް (މއ. ދޫގަސް 1) ގެ ފެނުގެ ޚިދުމަތް މެދުކެނޑުމާ ގުޅިގެން، އެ އިމާރާތުގައި ދިރިއުޅޭ 20 ދިވެހިންނާއި 6 ބިދޭސީން ހިމެނޭހެން ޖުމްލަ 26 މީހަކަށް އެންޑީއެމްއޭ އިން މިހާރު ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އޭގެ ތަފްސީލަށް ބަލާއިރު:
1 ވަނަ ފަންގިފިލާ: 6 ބިދޭސީން
2 ވަނަ ފަންގިފިލާ: 3 ދިވެހިން
3 ވަނަ ފަންގިފިލާ: 4 ދިވެހިން
4 ވަނަ ފަންގިފިލާ: 6 ދިވެހިން
5 ވަނަ ފަންގިފިލާ: 7 ދިވެހިން
އެންޑީއެމްއޭ އިން ހާމަކުރި ގޮތުގައި މި ހާދިސާގެ އަސަރު، އަލިފާން ރޯވި އިމާރާތާއި އިންވެގެން ހުރި އިމާރާތުގައި ދިރިއުޅޭ ޖުމްލަ 41 މީހަކަށް ވަނީ ކޮށްފައެވެ. އަދި އެ އެންމެން ވެސް ވަގުތީ ގޮތުން އެ ތަންތަނުން ވަނީ ނެރެ ރައްކާތެރި ހިސާބުތަކަށް ބަދަލުކުރެވިފައެވެ.
ހާދިސާގައި ހާލުގައި ޖެހުނު ފަރާތްތަކަށް ބޭނުންވާ ޒަރޫރީ ބޯހިޔާވަހިކަމާއި އެހެނިހެން އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކަމާބެހޭ އިދާރާތަކާ ގުޅިގެން ކުރަމުންދާ ކަމަށާއި، އަދި ބިދޭސީންނަށް ބޭނުންވާ އިންތިޒާމުތައް ހަމަޖެއްސުމަށްޓަކައި އެ ފަރާތްތަކުގެ ސްޕޮންސަރުންނަށް އަންގަމުންދާ ކަމަށްވެސް އެންޑީއެމްއޭ އިން ވަނީ ބުނެފައެވެ.








