ރާއްޖޭގެ މައި ދޮރާށި ކަމަށްވާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) މެދުވެރިކޮށް މިއަހަރުގެ ދެވަނަ ކުއާޓަރުގައި އުފުލި މުދަލުގެ (ކާގޯ) މިންވަރު، މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 2 އިންސައްތަ އިތުރުވެފައިވާ ކަމަށް އެއާޕޯޓްގެ ހިސާބުތަކުން ދައްކައިފިއެވެ.
އެއާޕޯޓް ހިންގާ ކުންފުނިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން، 2026 ވަނަ އަހަރުގެ ދެވަނަ ކުއާޓަރުގައި ވީއައިއޭ އިން ވަނީ ޖުމްލަ 18,457 ޓަނުގެ ކާގޯ ހޭންޑްލް ކޮށްފައެވެ. މީގެ ތެރޭގައި ހިމެނެނީ ރާއްޖެއަށް އެތެރެކުރި (އިންބައުންޑް) 13,542 ޓަނުގެ މުދަލާއި، ރާއްޖެއިން ބޭރުކުރި (އައުޓްބައުންޑް) 4,915 ޓަނުގެ މުދަލެވެ.
މި މުއްދަތުގައި އެންމެ ބޮޑު ކުރިއެރުމެއް ފާހަގަކުރެވިފައިވަނީ ޓްރާންސްޝިޕްމަންޓް މުދާ އުފުލުމުގައެވެ. އެގޮތުން ޓްރާންސްޝިޕްމަންޓް ކާގޯ ވަނީ 26 އިންސައްތައިގެ ކުރިއެރުމަކާއެކު 3,650 ޓަނަށް އަރާފައެވެ. މީގެ ތެރެއިން އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ވައިގެ މަގުން އައިސް ވައިގެ މަގުން ފޮނުވި (އެއާ-ޓު-އެއާ) މުދަލެވެ. އެއީ 3,116 ޓަނެވެ. އަދި ކަނޑުމަގުން ގެނެސް ވައިގެ މަގުން ފޮނުވި (ސީ-ޓު-އެއާ) މުދަލުގެ މިންވަރަކީ 534 ޓަނެވެ.
މީގެއިތުރުން، ހަމައެކަނި މުދާ އުފުލުމަށް ހާއްސަ ކާގޯ ފްލައިޓްތަކުގެ (ފްރައިޓާ) ދަތުރުތައްވެސް ވަނީ އިތުރުވެފައެވެ. އެގޮތުން ދެވަނަ ކުއާޓަރުގައި ޖުމްލަ 94 ފްރައިޓާ މޫވްމަންޓް ރެކޯޑުކުރެވިފައިވާއިރު، މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 12 އިންސައްތައިގެ އިތުރުވުމެކެވެ. އަދި މި ފްލައިޓްތަކުން އުފުލި މުދަލުގެ މިންވަރު ވަނީ 14 އިންސައްތަ އިތުރުވެ، 757 ޓަނަށް އަރާފައެވެ.
މި ނަތީޖާއިން ދައްކުވައިދެނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށާއި، އާންމު އިމްޕޯޓްގެ ބޭނުންތަކަށް ވައިގެ މަގުން މުދާ ގެނައުމަށް އޮތް ޑިމާންޑް އެއްދުވަހުން އަނެއްދުވަހަށް އިތުރުވަމުން އަންނަ ކަމެވެ.









