އެމްޓީސީސީން 800 މަޝްރޫއު އެބަ ހިންގާ ކަމަށާއި އެކަމަކު މިވަގުތު ތިބީ ދާއިމީ އެންމެ 2500 މުވައްޒަފުން ކަމަށް ވިޔަސް، މުވައްޒަފުންގެ އަދަދު 7،500 އާ ހަމައަށް އިތުރުކުރުމުގެ ހުއްދަ ކުންފުނީގެ ބޯޑުން ދީފައިވާ ކަމަށް އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ ވިދާޅުވެއްޖެ އެވެ.
"މިހާރު" އާއި ވާހަކަ ދައްކަވަނުން ސައުދީ ވިދާޅުވީ، އިތުރު މުވައްޒަފުން ނަގަމުންދާނީ ހަމައެކަނި ކުންފުންޏާ ހަވާލުވެފައި ހުރި މަޝްރޫއުތަކަށް ބަލައިގެން ކަމަށެވެ. އަދި މުވައްޒަފުން އިތުރުކުރާނީ ބޭނުންޖެހޭ މިންވަރަށް ބަލައިގެން ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
"މި ކުންފުނީގައި ދާއިމީ މުވައްޒަފުންގެ އަދަދަކީ 2،500 ކަމަށް ވިޔަސް 7،500 އާ ހަމައަށް މުވައްޒަފުން ނެގޭނެ ކަމަށް ބޯޑުން ވަނީ ހުއްދަ ދީފައި. އެކަމަކު އަޅުގަނޑުމެން މުވައްޒަފުން ނަގާނީ އަތުގައި ހުރި ޕްރޮޖެކްތަކަށް ބޭސްކޮށް. ވަގުތީ ގޮތުން ވެސް ނަގާނެ،" މިހާރު އާއި ވާހަކަ ދައްކަވަނުން ސައުދީ ވިދާޅުވި އެވެ.
ސައުދީ ވިދާޅުވީ އެކި ކޮންޓްރެކްޓް ތަކަށް ނަގާފައިވާ ވަގުތީ މުވައްޒަފުން ހިމަނައިގެން 5000 އެއްހާ މުވައްޒަފުން މިވަގުތު މަސައްކަތް ކުރަމުންދާ ކަމަށެވެ.
އެ ކުންފުނީގެ އަމާޒަކީ މަޝްރޫއުތައް ކާމިޔާބުކަމާއެކު ނިންމުން ކަމަށާއި، ކުންފުނީގެ ހަރަދުތައް މެނޭޖްކުރުމުގެ ގޮތުން މަޝްރޫއުތަކުގެ ބޭނުމަށް ބަލާފައި ވަގުތީ ނުވަތަ ކޮންޓްރެކްޓް އުސޫލުން ވެސް މުވައްޒަފުން ނަގަމުންދާނެ ކަމަށް މެނޭޖިން ޑިރެކްޓަރު ވިދާޅުވި އެވެ.
އެމްޓީސީސީ އަކީ ރާއްޖޭގައި އެންމެ ކާމިޔާބު މަޝްރޫއު ތައް ހިންގާފައިވާ އަދި މިހާރުވެސް ހިންގަމުން ގެންދާ ރައްޔިތުންގެ ކުންފުންޏެވެ. ނޮވެމްބަރު 2023 ގައި މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު 148 މަޝްރޫއެއް އެމްޓީސީސީއާ ހަވާލުކޮށްފައި އޮތެވެ.









