ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށާއި ސަރުކާރު ހިއްސާވާ ކުންފުނިތައް އިސްލާހުކޮށް "ރައިޓް ސައިޒް" ކުރުމުގެ ސިޔާސަތުގެ ދަށުން ވަޒީފާއިން ވަކިވާންޖެހޭ މުވައްޒަފުންނަށް އެހީތެރިވުމަށް 600 މިލިއަން ރުފިޔާގެ ބޮޑު ފަންޑެއް ސަރުކާރުން ގާއިމުކޮށްފިއެވެ. ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ވިދާޅުވި ގޮތުގައި، މި ފަންޑުގެ މައިގަނޑު ބޭނުމަކީ ކުންފުނިތަކުގެ އޮޕަރޭޝަނަލް ޚަރަދުތައް ކުޑަކުރުމަށްޓަކައި މުވައްޒަފުންގެ އަދަދު މަދުކުރާއިރު، އޭގެ ސަބަބުން އާމްދަނީއަށް އަސަރުކުރާނެ ފަރާތްތަކަށް އިގްތިސާދީ ގޮތުން އާ ފުރުސަތުތަކެއް ހޯދައިދީ، އެމީހުންގެ މުސްތަގުބަލު ކަށަވަރުކޮށްދިނުމެވެ.
ރައިޓް ސައިޒިން ރާވާފައި މިއޮތީ މީހަކު ދޫކޮށްލާ ގޮތަކަށް ނޫން. އެ މީހަކަށް ވެސް ފުރުސަތުތައް ލިބޭނެ ގޮތަށް. މިހާރު މިވަނީ ކުމެވި ފަންޑު އުފެއްދިފައި. އެއީ ކުދި ވިޔަފާރި، އަލަށް ވިޔަފާރި ފަށްޓާ ފަރާތްތަކަށް ފެސިލިޓޭޓް ކޮށްދިނުމަށް އުފެއްދި ފަންޑެއް. 600 މިލިއަން ރުފިޔާގެ ފަންޑެއް އެސްއެމްއީ ޑިޖިޓަލްގައި އުފައްދާފައި،
ޒަރީރު ވިދާޅުވި އެވެ.
މި ފަންޑުގެ އެހީގައި ވަޒީފާއިން ވަކިވާ މުވައްޒަފުންނަށް އަމިއްލަ މަސައްކަތްތަކާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ފެށުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ. ސަރުކާރުގެ އަމާޒަކީ ވަޒީފާއިން ވަކިވާ މީހުންނަކީ މުޖުތަމައުގައި އަމިއްލަ ފައިމައްޗަށް ތެދުވެ، އަމިއްލަ އުފެއްދުންތެރިކަން އިތުރުކުރާނެ ބަޔަކަށް ހެދުމެވެ. މިގޮތުން، ކުންފުނިތަކުން ގާތްގަނޑަކަށް 33 އިންސައްތަ މުވައްޒަފުން މަދުކުރުމަށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު މެދުވެރިކޮށް އަންގާފައިވާއިރު، މި ފައިސާ ބޭނުންކުރެވޭނީ ވަޒީފާ ގެއްލޭ މީހުންނަށް ދެވޭ މާލީ ރައްކާތެރިކަމެއްގެ ގޮތުގައެވެ.
މިއީ ދައުލަތުގެ ދަރަނި ކުޑަކުރުމަށާއި، ބަޖެޓުން ކުންފުނިތަކަށް ކުރާ ބޮޑެތި ހޭދަތައް ހުއްޓުވުމަށްޓަކައި ބައިނަލްއަގުވާމީ މާލީ އިދާރާތަކުގެ ލަފާގެ މަތިން ސަރުކާރުން ކުރިއަށްގެންދާ "ހޯމްގްރޯން ފިސްކަލް ރިފޯމް އެޖެންޑާ" ގެ ދަށުން އެޅި މުހިންމު ފިޔަވަޅެކެވެ. ސަރުކާރުން ބުނާ ގޮތުގައި، ކުންފުނިތައް ރީސްޓްރަކްޗަރ ކުރި ނަމަވެސް، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރަށް ނޭދެވޭ އަސަރެއް ކުރިޔަނުދީ، އިގްތިސާދީ ގޮތުން ކުރިއެރުން ހޯދޭނެ މަގުތައް ސަރުކާރުން އަބަދުވެސް ފަހިކޮށްދޭނެއެވެ.









