"ފްރެންޑްސް 4" ސަޕްލައި ދޯނި ބަންޑުންޖަހާލައި އަޑިއަށްދިޔަ ހާދިސާގައި ގެއްލުނު ތިން މީހުން ހޯދުމަށް އެމްއެންޑީއެފުން ކުރިއަށްގެންދާ ބޮޑު ސާޗް އޮޕަރޭޝަންގެ ދަށުން، ވައިގެމަގުން އެކަނިވެސް 17،000 އަށްވުރެ ގިނަ އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލައިފިއެވެ. އެމްއެންޑީއެފުން ހާމަކޮށްފައިވާ ގޮތުގައި އިއްޔެ ހަވީރު 6:00 ގެ ނިޔަލަށް ވައިގެމަގުން 17،220 އަކަ ނޯޓިކަލް މޭލު ބަލާފައިވާއިރު، ކަނޑުމަގުން 2،790.10 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ވަނީ ބަލައި ފާސްކޮށްފައެވެ. އަދި މީގެ އިތުރުން އެ ސަރަހައްދުގެ ގޮނޑުދޮށްތަކާއި ފަރުތައް ހިމެނޭހެން 288 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ވެސް ސިފައިން ވަނީ ބަލާފައެވެ.
މިދިޔަ އޯގަސްޓް މަހުގެ ކުރީކޮޅު ހުވަދޫ ކަނޑަށް ދޯނި ދިޔަވެ ބަންޑުންޖަހާލި މި ހާދިސާގައި ގެއްލިގެން ހޯދަމުންދަނީ ދޯނީގެ ކެޕްޓަން ތ. މަޑިފުށީ މުޙައްމަދު ޙަމްދޫން (35އ) އާއި، މީހުން ސަލާމަތްކުރުމަށް ދިޔަ އެމްއެންޑީއެފްގެ ސްޓާފް ސަރޖަންޓް އިބްރާހީމް މުހައްމަދު (39އ) އަދި ފުލުސް ސާޖަންޓް ޢަލީ ނާފިއު (33އ) އެވެ. ދޯނީގައި ތިބި 8 މީހުންގެ ތެރެއިން 7 މީހަކު ކޯސްޓްގާޑުން ސަލާމަތްކުރި ނަމަވެސް، މި ތިން މީހުންގެ އެއްވެސް ނިޝާނެއް މިހާތަނަށް ފެނިފައެއް ނުވެއެވެ. ދޯނި އަޑިއަށް ގޮސްފައިވަނީ 1,600 މީޓަރަށް ވުރެ ފުން ސަރަހައްދަކަށް ކަމަށްވުމުން، ހޯދުމުގެ މަސައްކަތަށް ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައެވެ.
އެމްއެންޑީއެފްގެ އެއާ ފޯސްގެ ޔޫއޭވީ (ޑްރޯން) ތަކާއި ކޯސްޓްގާޑުގެ އުޅަނދުތައް ބޭނުންކޮށްގެން ސާޗް އޮޕަރޭޝަން ހުއްޓުމެއްނެތި ކުރިއަށެވެ.
ގެއްލުނު ފަރާތްތަކުގެ އާއިލާތަކާ ސަރުކާރާއި މުއައްސަސާތަކުގެ އިސްވެރިން ބައްދަލުކުރައްވައި ހިތާމައިގައި ބައިވެރިވެވަޑައިގެންފައިވާއިރު، އިދާރާތަކުން ބުނެފައިވަނީ އުންމީދު ކަނޑާނުލައި މީހުން ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށެވެ.









