މާލޭގެ ގެއެއްގެ ކޮޓަރިއެއްގައި ހުރި ކަރަންޓް ސޮކެޓެއްގައި ރޯވި އަލިފާން، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސް (އެފްއާރުއެސް) އިން ހަރަކާތްތެރިވެ ކާމިޔާބުކަމާއެކު ނިއްވާލައިފިއެވެ.
މި ހާދިސާ ހިނގާފައިވަނީ މާލޭ ގ.ކްރެބް ޓްރީ ގައެވެ. އެމްއެންޑީއެފުން ބުނީ، އެ ގޭގެ ކޮޓަރިއެއްގައި ހުރި ކަރަންޓު ސޮކެޓެއްގައި އަލިފާން ރޯވެގެން އުޅޭކަމުގެ މަޢުލޫމާތު އެފްއާރުއެސްއަށް ލިބިފައިވަނީ މިއަދު މެންދުރު 12:09 ހާއިރު ކަމަށެވެ.
މައުލޫމާތު ލިބުމާއެކު، މާލޭ ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުން ވަނީ ވަގުތުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ފަށާފައެވެ. އެ އަލިފާންގަނޑު އެއްކޮށް ކޮންޓްރޯލްކޮށް ނިއްވާލެވިފައިވަނީ މިއަދު މެންދުރު 12:25 ހާއިރުއެވެ.
މި ހާދިސާގެ ސަބަބުން އެ ކޮޓަރީގައި ހުރި ބައެއް ތަކެއްޗަށް އެކިވަރުގެ ގެއްލުންތައް ލިބިފައިވީ ނަމަވެސް، އެއްވެސް މީހަކަށް އަނިޔާއެއް ވިކަމުގެ ރިޕޯޓެއް ލިބިފައެއް ނުވެއެވެ.









