މާލޭ ހެންވޭރުގައި ހުރި ގެއެއްގެ ހަތްވަނަ ފަންގިފިލާގައި މިރޭ ހިނގި އަލިފާނުގެ ހާދިސާ އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްއިން ހަރަކާތްތެރިވެ ނިއްވާލައިފިއެވެ.
މި ހާދިސާ ހިނގާފައިވަނީ ހެންވޭރު ފަހިވައިގޭގެ ހަތްވަނަ ފަންގިފިލާގައެވެ. އެމްއެންޑީއެފުން މައުލޫމާތު ދޭ ގޮތުގައި، މި ހާދިސާގެ ރިޕޯޓް ލިބުމާއެކު ފަޔަރ ފައިޓަރުން ވަނީ ވަގުތުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ފަށާފައެވެ. ސިފައިން ކުރި މަސައްކަތުން މިހާރު ވަނީ އަލިފާންގަނޑު އެއްކޮށް ކޮންޓްރޯލްކޮށް ނިއްވާލާފައެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބުނު ކަމުގެ ރިޕޯޓެއް މިހާތަނަށް ލިބިފައެއް ނުވެއެވެ. އަދި އަލިފާން ރޯވާން މެދުވެރިވި ސަބަބެއް އަދި މިހާތަނަށް ސާފުވެފައެއް ނުވެއެވެ.
ސަލާމަތީ ބާރުތަކުން މިހާރުވެސް ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.









