"ފްރެންޑް 4" ސަޕްލައި ބޯޓު އަޑިއަށް ދިޔަ ހާދިސާގައި ގެއްލުނު ތިން މީހުން ހޯދުމަށް ހުވަދޫ ކަނޑުގައި ކުރިއަށްގެންދާ ސަރޗް އޮޕަރޭޝަނުގެ ދަށުން، މާދަމާގެ ނިޔަލަށް އެ ކަނޑުގެ މުޅި ސަރަޙައްދު ބަލައި ނިންމާލެވޭނެ ކަމަށް އެމްއެންޑީއެފްއިން ލަފާކޮށްފިއެވެ.
މިހާތަނަށް ކުރި މަސައްކަތުން ދޯނި އަޑިއަށް ދިޔަ ސަރަޙައްދާއި އޭގެ ވަށައިގެންވާ ބޮޑު ސަރަޙައްދެއް ބަލައި ފާސްކުރެވިފައިވީ ނަމަވެސް، ގެއްލުނު މީހުންގެ އެއްވެސް ހިލަމެއް އަދި ނުވެއެވެ. ދޯނި އަޑިޔަށް ގޮސްފައިވަނީ 1,600 މީޓަރަށްވުރެ ފުން ސަރަޙައްދަކަށް ކަމަށްވާތީ، މިއީ އާދައިގެ ޑައިވަރުންނަށް ވާސިލުވެވޭނެ ހިސާބެއް ނޫން ކަމަށް އެމްއެންޑީއެފްއިން މައުލޫމާތުދެއެވެ.
ގެއްލުނު މީހުން ހޯދުމުގެ މަސައްކަތް 24 ގަޑިއިރު މެދުނުކެނޑި ދަނީ ކުރިއަށެވެ. އެގޮތުން ޔޫއޭވީ (ޑްރޯން) ބޭނުންކޮށްގެން ވައިގެ މަގުންނާއި، ކޯސްޓްގާޑުގެ އުޅަނދުތައް ބޭނުންކޮށްގެން ކަނޑުމަގުން ވެސް އޮޕަރޭޝަން ވަރުގަދައަށް ކުރިއަށްދާ ކަމަށް އެއިދާރާއިން ބުނެއެވެ.
މި ހާދިސާގައި ދޯނި ފެތެމުންދިޔަ ވަގުތު ކުއްލި ގޮތަކަށް އަޑިއަށް ދިޔުމުގެ ކުރިން ދޯނިން ފުންމާލި އެންމެން ވަނީ ސަލާމަތްކޮށްފައެވެ. ސަލާމަތްވި މީހުންގެ ތެރޭގައި ކޯސްޓްގާޑުގެ ހާބަރ ޕެޓްރޯލް ލޯންޗުގެ ކްރޫއަކާއި، އެމްއެންޑީއެފްގެ އޯގްޒިލަރީ ފަޔަރމަނަކާއި، ފުލުހެއްގެ އިތުރުން ދޯނީގެ 3 ފަޅުވެރިން ހިމެނެއެވެ.
ދޯނި އަޑިއަށް ދިޔުމާ ގުޅިގެން ގެއްލިފައިވަނީ ދޯނީގެ ކެޕްޓަން މުޙައްމަދު ޙަމްދޫންއާއި، ސިފައިންގެ މީހަކާއި ފުލުހުންގެ މީހެކެވެ.









