ސަރުކާރުގެ މުހިންމު ތިން މިނިސްޓްރީއެއް ހިންގަމުންދިޔަ އިމާރާތްތަކުގައި ހިނގި ބޮޑު އަލިފާނުގެ ހާދިސާއަކީ ގަސްތުގައި ހިންގާފައިވާ ޖިނާއީ އަމަލެއް ނޫން ކަމަށާއި، ފުރަތަމަ ރޯވީ އެއާކޮންޑިޝަން ތެރޭގައި ހުރި ވައިރުތަކެއްގައި ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހްސާން މިއަދު ވިދާޅުވެއްޖެ އެވެ.
12 ޑިސެމްބަރު 2024 ވީ ބުރާސްފަތި ދުވަހުގެ ހެނދުނު 06:00 އާއި 06:30 އާ ދެމެދު އަމީނީ މަގުގައި ހުންނަ "ޓިނު ބިލްޑިންގ" ގައި ރޯވި މި އަލިފާންގަނޑު، ކައިރީގައި ހުރި "ގްރީން ބިލްޑިންގ" އަށް ފެތުރި، އެމްއެންޑީއެފުން 4 ގަޑިއިރުގެ ބުރަ މަސައްކަތުން ނިއްވާލިއިރު، ހައުސިން މިނިސްޓްރީ، ކޮންސްޓްރަކްޝަން މިނިސްޓްރީ، އަދި އެންވަޔަރަންމަންޓް މިނިސްޓްރީގެ އިތުރުން އީޕީއޭ އާއި މާލެ ސިޓީ ކައުންސިލްގެ ވައިޓަލް ރަޖިސްޓްރޭޝަން ހިމެނޭހެން 3 ސެކްޝަނެއް ވަނީ އަޅިއަށްވެ، ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.
މި ހާދިސާ އާއި ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވައިކަރަދޫ ދާއިރާގެ އެމްޑީޕީ މެންބަރު އަހްމަދު ޒިޔާދު ވަނީ ހޯމް މިނިސްޓަރު އަލީ އިހުސާނާއި ސުވާލުކުރައްވާފައެވެ. އެއީ ބަޔަކު ގަސްތުގައި ކުރި ކަމެއްތޯ ވެސް މެންބަރު ސުވާލު ކުރެއްވި އެވެ.
އެ ސުވާލުތަކަށް ޖަވާބު ދެއްވަމުން އިހުސާން ވިދާޅުވީ، ބޭރު ގައުމުތަކުގެ ތަޖުރިބާކާރުންގެ އެހީތެރިކަމާ އެކު އެ އަލިފާނުގެ ހާދިސާއާ ގުޅިގެން ފުލުހުން ކުރިއަށް ގެންދިޔަ ތަހުގީގު މިހާރު ނިމިފައިވާ ކަމަށެވެ. އަދި އެއީ ބަޔަކު ރޯކޮށްލައިގެން ހިނގި ހާދިސާއެއް ނޫން ކަމަށް ތަހުގީގަށް ހޯދިފައިިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް ޖިސްމާނީ އަނިޔާއެއް ނުލިބުނު ނަމަވެސް، ލިބުނު މާއްދީ އަދި މާލީ ގެއްލުންތައް އެތައް މިލިއަން ރުފިޔާއަކަށް އަރައެވެ. މާއްދީ ގޮތުން "ޓިނު ބިލްޑިންގ" އެއްކޮށް ބިންމާހަމަވެ، ގްރީން ބިލްޑިންގަށް ބޮޑެތި ގެއްލުންތަކެއް ވީއިރު، ރާއްޖޭގެ ބިމާ ބެހޭ އެންމެހާ މުހިންމު ރެކޯޑުތަކާއި، މަޝްރޫޢުތަކުގެ އަސްލު އެގްރީމެންޓްތަކާއި، އޮފީސް ފަރުނީޗަރާއި، މައި ޑޭޓާ ސާވަރުތަކާއި ކޮމްޕިއުޓަރުތައް ވަނީ މުޅިން އަނދާފައެވެ. މީގެ އިތުރުން، މައުލޫމާތުތައް އަލުން ހޯދުމަށް އައިޓީ ތަޖުރިބާކާރުންނަށް ބޮޑު ޚަރަދެއް ކުރަންޖެހުމާއި، ތަރައްޤީގެ ބޮޑެތި މަޝްރޫޢުތަކާއި ބޯހިޔާވަހިކަމުގެ ޚިދުމަތްތައް މެދުކެނޑުމުގެ ސަބަބުން ދައުލަތަށާއި އަމިއްލަ ކުންފުނިތަކަށް ނުހަނު ބޮޑު ނުސީދާ މާލީ ގެއްލުމަކާ ކުރިމަތިލާންޖެހުނެވެ.








