ކ. ތުލުސްދޫގައި ސަރުކާރުން ބިނާކުރުމަށް ހަމަޖެހިފައިވާ "އިސްރަށްވެހިންގެ ހިޔާވަހި" މަރުކަޒުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި، އެ މަޝްރޫއު ކުރިއަށްގެންދާ ސައިޓް ރަސްމީކޮށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ.
މި މަޝްރޫއަކީ ރާއްޖޭގެ ތިން ސަރަހައްދެއްގައި އުމުރުން ދުވަސްވީ މީހުންނަށް ފަރުވާދީ، އޯގާތެރިކަމާއެކު ބަލަހައްޓައިދޭނެ "އޭޖްޑް ކެއަރ ސެންޓަރު" ތަކެއް ގާއިމުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވައުދުފުޅުގެ ދަށުން ކުރިއަށްގެންދެވޭ މުހިންމު މަޝްރޫއެކެވެ. މި މަރުކަޒުތަކުގެ މައިގަނޑު މަގުސަދަކީ، ދައުލަތުގެ ހާއްސަ ރައްކާތެރިކަން ބޭނުންވާ ފަރާތްތަކަށް ބޯހިޔާވަހިކަމުގެ އިތުރުން، ސިއްހީ ފަރުވާއާއި ނަފްސާނީ ދުޅަހެޔޮކަމަށް ބޭނުންވާ ޚިދުމަތްތައް އެއް ފުރާޅެއްގެ ދަށުން ފޯރުކޮށްދިނުމެވެ.
ތުލުސްދޫގައި ގާއިމުކުރާ މި މަރުކަޒު ފަރުމާކުރެވިފައިވަނީ އިސްރަށްވެހިންނަށް ބޭނުންވާ ރެސިޑެންޝަލް ކެއާ (ދާއިމީކޮށް ތިބެގެންދޭ ހިދުމަތް)، ނާސިން ކެއާ، އަދި ޑޭ-ކެއާ ހިދުމަތްތައް އެއް ފުރާޅެއްގެ ދަށުން ލިބޭނެހެންނެވެ. މި އިމާރާތުގައި މެޑިކަލް ވޯޑު، ފިޒިއޮތެރަޕީ ރޫމް، ކޮންސަލްޓޭޝަން ރޫމް، ލައިބްރަރީ އަދި އެކި ޕްރޮގްރާމްތައް ހިންގޭނެ މަލްޓި-ޕާޕަސް ހޯލުތައް ހިމެނޭނެއެވެ. މި މަރުކަޒުގެ ސަބަބުން އިސްރަށްވެހިންނަށް ބޭނުންވާ ސިއްހީ އަދި ނަފްސާނީ އެހީތެރިކަން ވަށާޖެހޭ ނިޒާމެއްގެ ތެރެއިން ފޯރުކޮށްދެވޭނެއެވެ.
މި މަޝްރޫއުގެ ދަށުން ތުލުސްދޫގެ އިތުރުން ށ. ފުނަދޫގައްޔާއި އައްޑޫ ސިޓީ ފޭދޫގައިވެސް މިފަދަ މަރުކަޒުތައް ގާއިމުކުރުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުންނެވެ. މިގޮތުން ށ. ފުނަދޫ މަރުކަޒުގެ މަސައްކަތްވެސް އެމްޓީސީސީއާ ހަވާލުކޮށްފައިވާއިރު، އައްޑޫ ސިޓީ ފޭދޫ މަރުކަޒުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ލިޓަސް އޮޓޯމޮބައިލްސްއާއެވެ. މި މަޝްރޫއުތައް މުޅިން ނިމުމުން، ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ އުމުރުން ދުވަސްވީ މީހުންނަށް ރާއްޖޭގެ އެކި ސަރަހައްދުތަކުން ފަސޭހަކަމާއެކު އަޅާލުމާއި ޚިދުމަތްތައް ލިބިގެންދާނެއެވެ.






