ނިމިދިޔަ ޖުލައި މަހުގެ ތެރޭގައި 180 ސްކޭމް މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ހާމަކުރައްވައިފިއެވެ.
ފުލުހުންގެ ތަފްސީލުގައި ވާގޮތުން އީ-ކޮމާސް ނުވަތަ އޮންލައިން ވިޔަފާރިތަކާ ގުޅުންހުރި 78 މައްސަލައަކާއި، ބުކިންގ ކެންސަލްކޮށް ރިފަންޑް ހޯދުމުގެ 36 މައްސަލަ ހިމެނެއެވެ. މީގެ އިތުރުން އެހެނިހެން ސްކޭމްތަކުގެ 26 މައްސަލައަކާއި، އޮންލައިން އޮޅުވާލުމުގެ 20 މައްސަލައިގެ އިތުރުން ބޭރު ފައިސާ މާރުކުރުމުގެ 20 މައްސަލައެއް ވެސް ޖުލައި މަހުގެ ތެރޭގައި ރިޕޯޓުކޮށްފައިވެއެވެ.
މާލީ ބޮޑެތި ގެއްލުންތަކުން ސަލާމަތްވުމަށްޓަކައި، އެއްވެސް މާލީ މުއާމަލާތެއް ފެށުމުގެ ކުރިން ވިއްކާ ފަރާތުގެ އެކައުންޓް ރަޖިސްޓްރީކޮށްފައިވާ ތާރީޚާއި، ގުޅޭނެ މަޢުލޫމާތުގެ އިތުރުން ކުރީގެ މުއާމަލާތްތައް ހުރި ގޮތް ރަނގަޅަށް ބަލައި ދެނެގަތުމަކީ މުހިންމު ކަމެއްކަން ފުލުހުން ފާހަގަކުރެއެވެ. އަދި އެހެން ކަސްޓަމަރުންގެ ފީޑްބެކްތަކަށް ސަމާލުކަން ދިނުމަކީ ވެސް އޮޅުވާލުންތަކުން ރައްކާތެރިވުމަށް އެހީތެރިވެދޭނެ ކަމެކެވެ.








