ރަށްރަށާއި ސިޓީތަކުގެ ތަރައްޤީއަށް ސަރުކާރުން ހިންގާ މަޝްރޫޢުތައް ހަލުވި ދުވެލީގައި ކުރިއަށް ގެންދިއުމަށްޓަކައި، ކައުންސިލްތަކުގެ މިލްކުވެރިކަމުގެ ދަށުގައިވާ ބިންތައް ސަރުކާރަށް ނެގޭ ގޮތަށް ލާމަރުކަޒީ ޤާނޫނަށް ބޮޑު އިޞްލާޙެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
މި އިޞްލާޙު މަޖިލީހަށް ހުށަހެޅުއްވީ ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު ޢަބްދުލް ޙަންނާން ޢަބޫބަކުރެވެ. ޙަންނާން މަޖިލީހަށް އަމިއްލަ ގޮތުން އިންތިޚާބުވެވަޑައިގަތް ނަމަވެސް، ފެށުނީއްސުރެ މަޖިލީހުގައި މަސައްކަތް ކުރައްވަމުން ގެންދަވަނީ ސަރުކާރާ އެކުގައެވެ.
މި ބިލް ހުށަހެޅުއްވި މަޤްޞަދަކީ ސަރުކާރުން ކުރިއަށް ގެންދަން ބޭނުންވާ ތަރައްޤީގެ މަޝްރޫޢުތައް އަވަސް ސްޕީޑެއްގައި ކުރިއަށް ގެންދިއުމަށްޓަކައި، ކައުންސިލްތަކުގެ ފުރިހަމަ އެއްބާރުލުން ޤާނޫނީ އޮނިގަނޑެއްގެ ތެރެއިން ކަށަވަރު ކުރުމެވެ.
މި އިޞްލާޙުގައިވާ ގޮތުން، ކައުންސިލެއްގެ އިޚްތިޞާޞްގައި ހިމެނޭ ބިމެއްގައި ސަރުކާރުން އެއްވެސް މަޝްރޫޢެއް ހިންގަން ބޭނުންވެއްޖެ ހާލަތެއްގައި، އެ ބިމެއް ކައުންސިލްގެ އިޚްތިޞާޞްއިން ވަކިކުރުމުގެ ބާރު ވަޒީރުންގެ މަޖިލީހަށް (ކެބިނެޓަށް) ލިބިގެންވެއެވެ. ވަޒީރުންގެ މަޖިލީހުން އެގޮތަށް ނިންމާ ނިންމުން، ދައުލަތުގެ ކަމާބެހޭ އިދާރާއަކުން ކައުންސިލަށް އެންގުމާއެކު، އެ ބިމަކީ ސަރުކާރުގެ ފުރިހަމަ ބާރު ހިނގާނެ ތަނަކަށް ބަދަލުވާނެއެވެ.
މީގެ އިތުރުން، ރަށެއް ނުވަތަ ސިޓީއެއްގެ ފިޒިކަލް ޑިވެލޮޕްމަންޓް ޕްލޭން ފާސްކޮށް އަމަލުކުރަން ފެށުމުގެ ކުރިން ވިޔަސް، ސަރުކާރުން ތަރައްޤީގެ މަޝްރޫޢަކަށް ބިން ހޯދަން އެދިއްޖެ ނަމަ، އެ ބިމެއް ސަރުކާރުގެ ކަމާގުޅޭ އިދާރާއަކާ ހަވާލުކުރުން ކައުންސިލްތަކަށް މި އިޞްލާޙުން ލާޒިމްކުރެއެވެ.
މި އިޞްލާޙުގެ ދަށުން، ރައްޔިތުންގެ މަންފާއަށް ސަރުކާރުން ކުރިއަށް ގެންދާ އެއްވެސް މަޝްރޫޢަކަށް، އެއްވެސް މަޤްބޫލު ސަބަބެއް ނެތި ހުރަސްއެޅޭ ގޮތަށް އަމަލުކުރުން ނުވަތަ މަޝްރޫޢުތައް ހުއްޓުމަކަށް އަތުވެދާނެ ފަދަ އެއްވެސް ނިންމުމެއް ކައުންސިލްތަކަށް ނުނިންމޭ ގޮތަށް ޤާނޫނު ބަދަލުކުރުމަށް ވަނީ ހުށަހަޅާފައެވެ.
ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި، މިފަދަ އިޞްލާޙެއް ޤާނޫނަށް ގެންނަން ޖެހުނީ ބައެއް ކައުންސިލްތަކުން ސަރުކާރުން ބޭނުންވާ މަޝްރޫޢުތައް ހިންގަން ބިން ނުދީ ހިފަހައްޓަމުންދާތީއެވެ. އޭގެ ސަބަބުން ރަށްރަށުގެ ކުރިއެރުމާއި ރައްޔިތުންގެ ލާބައަށް ހިންގަން ބޭނުންވާ މުހިންމު ބައެއް މަޝްރޫޢުތައް ލަސްވުމާއި ހުއްޓުން ފަދަ ދަތިތަކާ ކުރިމަތިވަމުންދާ ކަމަށް ސަރުކާރުން ބުނެފައިވެއެވެ.









