ދައުލަތުގެ ތަރައްގީގެ މަޝްރޫއުތައް މެދުކެނޑުމެއްނެތި ހަލުވިކަމާއެކު ކުރިއަށް ހިންގުމަށް މަގުފަހިކުރުމުގެ ގޮތުން، ރަށްތަކާއި ސިޓީ ކައުންސިލްތަކުގެ އިހުތިސާސްގައި ހިމެނޭ ބިންތައް ސަރުކާރުގެ ބޭނުމަށް ނެގޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް ހުށަހެޅި މުހިންމު އިސްލާހު ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީން ރޭ ފާސްކޮށްފިއެވެ. ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލްހަންނާން އަބޫބަކުރު ހުށަހަޅުއްވައި، ސަރުކާރު ހިންގާ ޕީއެންސީން އެންޑޯސްކޮށްފައިވާ މި ބިލަކީ ގައުމީ ތަރައްގީގެ ބޮޑެތި މަޝްރޫއުތައް ހުއްޓުމެއްނެތި ކުރިއަށް ގެންދިއުމަށްޓަކައި ކޮންމެހެން ބޭނުންތެރި ބިލެކެވެ. ބިލުގެ މަސައްކަތްތައް މިއަދުގެ މެންދުރު 2:00 ގެ ކުރިން އެއްކޮށް ނިންމައި، މާދަމާ (ބުދަ ދުވަހު) ބާއްވާ މަޖިލީހުގެ ޖަލްސާއަށް ފާސްކުރުމަށްޓަކައި ހުށަހެޅުމަށް ވަނީ ތާވަލުކޮށްފަ އެވެ.

މި ބިލު ކޮމިޓީން ފާސްކޮށްފައި ވަނީ ކައުންސިލްތަކާއި އިންވެސްޓަރުންގެ މަސްލަހަތުތަކަށް ފުރިހަމައަށް ރިއާޔަތްކޮށް، ދެފަރާތަށްވެސް އިންސާފުވެރިވާނެ ފަދަ މުހިންމު ބަދަލުތަކަކާ އެކުގަ އެވެ. އެގޮތުން ސަރުކާރުގެ މަޝްރޫއުތަކަށް ނަގާ ބިމެއްގައި ކައުންސިލުން ނުވަތަ ތިންވަނަ ފަރާތަކުން އެއްވެސް އިންވެސްޓްމަންޓެއް ކޮށްފައިވާނަމަ، އެފަދަ އިންވެސްޓްމަންޓްތަކަށް ފިނޭންސް މިނިސްޓްރީން ކަނޑައަޅާ ހަމަހަމަ ބަދަލެއް ދެވޭ ގޮތަށް ބިލު ވަނީ އިސްލާހުކޮށްފަ އެވެ. މީގެއިތުރުން، ރަށްރަށުގެ ފިޒިކަލް ޑިވެލޮޕްމަންޓު ޕްލޭން ފާސްކުރުމުގެ ކުރިން ވެސް ސަރުކާރުން ތަރައްގީގެ މަޝްރޫއެއް ހިންގަން ބިމެއް ހޯދަން އެދޭ ހާލަތްތަކުގައި އެ ބިން ސަރުކާރާ ހަވާލުކުރަންޖެހޭ ގޮތަށް ހެދުމަކީ އިދާރީ ހުރަސްތައް ނައްތާލައި، ރައްޔިތުންނަށް ލިބެންޖެހޭ ތަރައްގީގެ ނަފާ އަވަސްކޮށްދޭނެ ކަމެކެވެ.

ލާމަރުކަޒީ ނިޒާމުގެ ތެރެއިން ސަރުކާރާއި ކައުންސިލްތަކާ ދެމެދު އޮންނަ ގުޅުން ހަރުދަނާކުރުމަށްޓަކައި، ކައުންސިލް މެންބަރުންގެ ސުލޫކީ މިންގަނޑަށްވެސް މި ބިލުން ވަނީ ހެޔޮ ބަދަލުތަކެއް ހުށަހަޅާފަ އެވެ. އެގޮތުން، ރައްޔިތުންގެ މަންފާއަށްޓަކައި ސަރުކާރުން ހިންގާ ގައުމީ ތަރައްގީގެ މަޝްރޫއުތަކަށް މަގުބޫލު ސަބަބެއް ނެތި ހުރަސްއެޅޭ ގޮތަށް އަމަލުނުކުރުމަށާއި، އެފަދަ މަޝްރޫއުތައް ހުއްޓުވުމަށް ނިންމުންތައް ނުނިންމުމަށް ކައުންސިލަރުންނަށް ވަނީ ލާޒިމުކޮށްފަ އެވެ.