މާލެ ސިޓީގެ މޭޔަރުކަމަށް ވާދަކުރައްވާ ރިޓަޔާޑް މޫސާ އަލީ ޖަލީލަށް، ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ ޗަމްޕާ މުޙައްމަދު މޫސާ (އުއްޗު) ތާއީދުކުރައްވައި އެންޑޯޒްކުރައްވައިފި އެވެ.
މޫސާ އަލީ ޖަލީލް މިއަދު ވަނީ އުއްޗުގެ ދައުވަތަކަށް އޭނާގެ ރަށް، ޗަމްޕާގިރިއަށް ޒިޔާރަތްކުރައްވާފަ އެވެ. މި ބައްދަލުކުރެއްވުމުގައި އުއްޗު ވަނީ ކުރިއަށް އޮތް މާލެ ސިޓީގެ މޭޔަރުކަމުގެ އިންތިހާބުގައި މޫސާ އަލީ ޖަލީލް އިންތިހާބުކުރުމަށް ފުރިހަމައަށް ތާއީދުކުރައްވާކަން ހާމަކުރައްވާފަ އެވެ. އަދި މޫސާ ޖަލީލަށް ވޯޓު ހޯދައިދިނުމަށްޓަކައި މަސައްކަތް ކޮށްދެއްވާނެކަމުގެ ފުރިހަމަ ޔަގީންކަންވެސް އުއްޗު ވަނީ ދެއްވާފަ އެވެ.
މިއަދުގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އުއްޗު ވިދާޅުވީ، މާލެ ސިޓީގެ މޭޔަރުކަމަށް މިފަހަރު ވާދަކުރައްވާ ކެންޑިޑޭޓުންގެ ތެރެއިން ގައުމީ ހިދުމަތުގެ އެންމެ ފަހުރުވެރި ރެކޯޑެއް އޮތް ބޭފުޅަކީ މޫސާ އަލީ ޖަލީލް ކަމަށެވެ. ވަކިން ހާއްސަކޮށް ސިފައިންގެ ހިދުމަތުގައި މޫސާ ޖަލީލް ދައްކަވާފައިވާ ކެރުމާއި، ހިތްވަރާއި، ރީތި ނަމޫނާއަކީ މިއަދު މި ޤައުމަށް ނުހަނު ބޭނުންތެރި ކަންތައްތަކެއްކަން އުއްޗު ފާހަގަކުރެއްވި އެވެ.
އުއްޗު އިތުރަށް ވިދާޅުވި ގޮތުގައި، ގައުމީ ހިދުމަތުގައި އިތުބާރާއި އިހުލާސްތެރިކަން ދަމަހައްޓަވާފައިވާ މޫސާ ޖަލީލް ފަދަ ޝަހުސިއްޔަތުން ގައުމުގެ ޒިންމާދާރު މަގާމުތަކުގައި ތިއްބެވުމަކީ އޭނާ އަބަދުވެސް ބާރުއަޅުއްވާ އަދި އިސްކަންދެއްވާ ކަމެކެވެ.
މި ބައްދަލުވުމުގައި މޫސާ އަލީ ޖަލީލް ވަނީ އޭނާއަށް ދެއްވި ދައުވަތަށާއި، މާލޭގެ މޭޔަރުކަމަށް އޭނާ ހޮވުމަށް އުއްޗު ދެއްވި ފުރިހަމަ ތާއީދާއި އެންޑޯޒްމަންޓަށްޓަކައި ޗަމްޕާ މުހައްމަދު މޫސާއަށް ނުހަނު އިހުލާސްތެރިކަމާއެކު ޝުކުރު އަދާކުރައްވާފަ އެވެ.









