ގާފަރު ބޭރަށް ބަންޑުން ޖަހާލި ކޮޅުވެއްޓިން ގެއްލުނު ދެމީހުން ހޯދުމުގެ މަސައްކަތް ކޯސްޓްގާޑުން ހުއްޓުމެއްނެތި ދަނީ ކުރިޔަށެވެ. މި ހާދިސާ ހިނގި ކަމުގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ އިއްޔެ ހެނދުނުގެ ވަގުތެއްގައެވެ. ބަންޑުން ޖަހާލި ކޮޅުވެއްޓި މިހާރު ވަނީ ގާފަރު ފަރުމައްޗަށް ލައްގާފައެވެ.
ހާދިސާ ހިނގި ސަރަހައްދުގައި އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަނުން ހަރަކާތްތެރިވަމުން ދާއިރު އަދިވެސް ގެއްލުނު ދެމީހުންގެ ހިލަމެއް ނުވާތީވެ، ބޮޑަށް ބެލެވެނީ އެ ދެމީހުން ކަނޑުވީ ކަމަށެވެ. މި ދުވަސްވަރު ކަނޑު ވަރަށް ގަދަވެފައި އޮއެ ބާރެވެ. އެހެންކަމުން އެ ދެމީހުން ދިރިހުރެދާނެ ކަމަށް މިހާރު ބެލެވޭކަށް ނެތް ކަމަށް އެއްބަޔަކު ބުނެއެވެ. ނަމަވެސް އެމްއެންޑީއެފުން ދަނީ ގެއްލިފައިވާ ދެ މީހުން ހޯދުމަށް ކަނޑުމަތީގެ ހާއްސަ ސާޗް އެންޑް ރެސްކިއު އޮޕަރޭޝަނެއް މިހާރުވެސް ހިންގަމުންނެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށް ފުލުހުންގެ ހިދުމަތުން މިހާރު ވަނީ ތަހުގީގެއް ފަށާފައެވެ.
އިދާރާތަކުން ބުނާ ގޮތުގައި މި އުޅަނދު ބަންޑުން ޖަހާލަން ދިމާވީ ދަތުރުކުރަމުން ދަނިކޮށް ދިޔަވުމުގެ ސަބަބުންނެވެ.
މި ދުވަސްވަރަކީ ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް މޫސުން ގޯސް ދުވަސްވަރަކަށް ވުމުން، ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން ސަލާމަތީ ފިޔަވަޅުތަކަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ކަމާބެހޭ އިދާރާތަކުން އިލްތިމާސްކުރެއެވެ.









