ރާއްޖޭގެ އިންސްޓަންޓް ޕޭމަންޓް ސިސްޓަމް "ފަވަރަ" އާއި އިންޑިއާގެ "ޔުނިފައިޑް ޕޭމަންޓްސް އިންޓަފޭސް" (ޔޫޕީއައި) ގުޅާލައި، ސިކުންތުކޮޅެއްގެ ތެރޭގައި އިންޑިއާއަށް ފައިސާ ފޮނުވޭ ޚިދުމަތް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިއަދު އިފްތިތާޙްކޮށްފިއެވެ.
މަރުކަޒީ ބޭންކުގައި މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި ޚިދުމަތް ފައްޓަވައިދެއްވީ އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރު އެވެ. މި ރަސްމިއްޔާތުގައި ރާއްޖޭގެ ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމްގެ އިތުރުން އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަ ސަފީރު ޖީ. ބާލަސުބްރަމާނިއަން ބައިވެރިވެވަޑައިގެންނެވިއެވެ.
މި ހިދުމަތް ރާއްޖޭގައި އަލަށް ފަށާފައިވަނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަދި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އާ ގުޅިގެންނެވެ. މި ދެ ބޭންކުގެ ކަސްޓަމަރުންނަށް މިހާރު އިތުރު އެޕްލިކޭޝަނެއް ބޭނުންކުރުމަކާ ނުލައި، އެ ބޭންކެއްގެ މޮބައިލް އެޕް ނުވަތަ އިންޓަނެޓް ބޭންކިންގ މެދުވެރިކޮށް އިންޑިއާގެ ޔޫޕީއައި ބޭނުންކުރާ އެކައުންޓްތަކަށް ސީދާ ފައިސާ ފޮނުވޭނެއެވެ.
ފައިސާ ފޮނުވާ ފަރާތުން ދިވެހި ރުފިޔާ ނުވަތަ އެމެރިކާ ޑޮލަރުން ފައިސާ ދެއްކުމުން، ފައިސާ ލިބޭ ފަރާތުގެ އިންޑިއާ ބޭންކު އެކައުންޓަށް ވަގުތުން ފައިސާ ޖަމާވާނީ އިންޑިއާ ރުޕީސް (އައިއެންއާރް) އިންނެވެ. އެމްއެމްއޭއިން ހާމަކުރި ގޮތުގައި މިއީ ރާއްޖޭގެ ބޭންކް އެކައުންޓަކުން ހަމަ އެ ބޭންކުގެ އެހެން އެކައުންޓަކަށް ފައިސާ ފޮނުވުން ފަދަ ފަސޭހަ އަދި ރައްކާތެރި މުޢާމަލާތެކެވެ.
މި ހިދުމަތަކީ 24 ޖުލައި 2025 ގައި އެމްއެމްއޭ އާއި އިންޑިއާގެ ނޭޝަނަލް ޕޭމަންޓްސް ކޯޕަރޭޝަންގެ ބައިނަލްއަޤްވާމީ ގޮފި، އެންޕީސީއައި އިންޓަނޭޝަނަލް ޕޭމަންޓްސް ލިމިޓެޑް (އެންއައިޕީއެލް) އާ ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން ފެށި ޚިދުމަތެކެވެ. އެމްއެމްއޭއިން ފާހަގަކުރި ގޮތުގައި އެންއައިޕީއެލް އާއެކު ހެދުނު އެއްބަސްވުމެއްގެ ދަށުން މިފަދަ ޚިދުމަތެއް މިހާ އަވަހަށް ފެށި ފުރަތަމަ ޤައުމަކީ ވެސް ރާއްޖެއެވެ.
މިއީ ރާއްޖޭގެ އަމިއްލަ ޕޭމަންޓް އިންފްރާސްޓްރަކްޗަރއެއް ބައިނަލްއަޤްވާމީ ނިޒާމަކާ ގުޅާލެވުނު ފުރަތަމަ ފަހަރެވެ. މިއާއެކު އިންޑިއާގެ ޔޫޕީއައި ނިޒާމާ ބައިނަލްއަޤްވާމީގޮތުން ގުޅާލެވުނު މަދު ޤައުމުތަކުގެ ތެރޭގައި ރާއްޖެ ވަނީ ހިމެނިފައެވެ. މީގެ ކުރިން މިފަދަ ގުޅުމެއް ގާއިމުކޮށްފައިވަނީ ހަމައެކަނި ސިންގަޕޫރާއި ނޭޕާލުގައެވެ.
ޔޫޕީއައި އަކީ ދުނިޔޭގައި އޮތް އެންމެ ބޮޑު އެއް ޑިޖިޓަލް ފައިސާގެ މުއާމަލާތްތައް ހިންގާ ނިޒާމެވެ. 2025 ވަނަ އަހަރާއި މިއަހަރު ތެރޭގައި މި ޕްލެޓްފޯމް މެދުވެރިކޮށް ގާތްގަނޑަކަށް 241.6 ބިލިއަން މުއާމަލާތް ހިންގާފައިވާއިރު، މީގެ ޖުމްލަ އަގު 3.56 ޓްރިލިއަން އެމެރިކާ ޑޮލަރަށް އަރައެވެ.
މި ހިދުމަތް ތައާރަފުކުރަނީ ފިޔަވަހިތަކަކަށް ބަހާލައިގެންނެވެ. ފުރަތަމަ ފިޔަވަހީގައި ހިމެނެނީ އަމިއްލަ ފަރުދުންގެ މެދުގައި ކުރެވޭ (ޕީ2ޕީ) މުޢާމަލާތްތަކެވެ. ދެވަނަ ފިޔަވަހީގައި ކިއުއާރް ކޯޑް ބޭނުންކޮށްގެން ވިޔަފާރިތަކަށް ފައިސާ ދެއްކޭނެ (ޕީ2މް) ނިޒާމު ތަޢާރަފުކުރުމަށް ވަނީ ހަމަޖެހިފައެވެ.
މިވަގުތު މި ހިދުމަތް ބޭނުންކުރެވެނީ ހަމައެކަނި ރާއްޖެއިން އިންޑިއާއަށް ފައިސާ ފޮނުވުމަށެވެ. މި ޚިދުމަތް މެދުވެރިކޮށް ފައިސާ ފޮނުވޭނީ ތަޢުލީމީ ޚަރަދުތަކާއި، ބޭސްފަރުވާގެ ޚަރަދާއި، އާއިލީ ޚަރަދުތަކަށެވެ. ކޮންމެ ކަސްޓަމަރަކަށް ވެސް މަހަކު ފޮނުވޭނީ ގިނަވެގެން 24,000 އިންޑިއާ ރުޕީސް (ގާތްގަނޑަކަށް 250 ޑޮލަރު) އެވެ.
ފައިސާ ފޮނުވުމުގެ ކުރިން، ފައިސާ ލިބޭ ފަރާތުގެ އެކައުންޓްގެ ސައްހަކަން ޔޫޕީއައި މެދުވެރިކޮށް ކަށަވަރުކުރެވޭނެއެވެ. އަދި ފައިސާ ފޮނުވާ ފަރާތަށް އެކްސްޗޭންޖް ރޭޓާއި ބޭންކު ފީތައް އަދި ފައިސާ ލިބޭ ފަރާތުގެ ނަން ފެންނަން ހުންނާނެއެވެ.
މި "ފަވަރަ-ޔޫޕީއައި" ގުޅުމަކީ ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ޑިޖިޓަލް ޕޭމަންޓް ނިޒާމުތަކާ ރާއްޖެ ގުޅާލުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށާއި، މީގެ ސަބަބުން އާންމުންނަށް އަވަސް، ލުއިފަސޭހަ އަދި އަގުހެޔޮކޮށް ފައިސާ ފޮނުވުމުގެ މަގު ފަހިވެގެންދާނެ ކަމަށް އެމްއެމްއޭއިން ދެކެއެވެ.









