ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ މަތިން ކުރިއަށްގެންދާ 5 މިލިއަން ގަސް އިންދުމުގެ ޤައުމީ މަޝްރޫޢުގެ ދަށުން، މިހާތަނަށް 1.67 މިލިއަން ގަސް އިންދާފައިވާ ކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީން ހާމަކޮށްފިއެވެ.
ބަންގްލަދޭޝް ސަރުކާރުން ދިވެހިރާއްޖެއަށް 20،000 ގަސް ހަދިޔާކުރުމަށް ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަދައްކަވަމުން، އެންވަޔަރަންމަންޓް މިނިސްޓަރު އަލީ ޝަރީފް ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ މިހިނގާ 2026 ވަނަ އަހަރު ނިމުމުގެ ކުރިން 2 މިލިއަން ގަސް އިންދައި ނިންމުމެވެ. މި މަޝްރޫއަކީ ރާއްޖެ ފަދަ ތިމާވެށީގެ ގޮތުން ނާޒުކު ގައުމެއްގެ މުސްތަގްބަލަށްޓަކައި ކުރެވޭ މުހިންމު އިންވެސްޓްމެންޓެއްގެ ގޮތުގައި މިނިސްޓަރު ސިފަކުރެއްވިއެވެ.
މިނިސްޓަރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މާލެ ސަރަހައްދާއި އެހެނިހެން ރަށްރަށުގައި ބޯހިޔާވަހިކަމަށްޓަކައި ބިން ހިއްކަމުންދާއިރު، އެ ތަންތަނަކީ ހުސް ބިންތަކެއްގެ ގޮތުގައި ބޭއްވުމުގެ ބަދަލުގައި ފެހި ތަންތަނަށް ހެދުމަކީ އަންނަން އޮތް ޖީލުތަކަށްޓަކައި ކޮށްދޭންޖެހޭ ކަމެކެވެ. މި މަސައްކަތް ދެމެހެއްޓެނެވި ގޮތެއްގައި ކުރިއަށް ގެންދިއުމަށްޓަކައި ކައުންސިލްތަކަށް ފަންޑުދީގެން ނާސަރީތައް ގާއިމުކުރުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ.
މި މަޝްރޫއުގެ ދަށުން ގަސް އިންދުމުގެ އިތުރުން، މިއީ ގަހުގެ އިލްމު ހޯދުމަށް ލިބޭ ބޮޑު ކުރިއެރުމެއް ކަމަށް މިނިސްޓްރީން ފާހަގަކުރެއެވެ. މި ދާއިރާއިން ކުރިއަށްދާން ބޭނުންވާ ފަރާތްތަކަށް މި މަޝްރޫއުގެ ތެރެއިން އިލްމީ އަދި ތަޖުރިބާގެ ގިނަ ފުރުސަތުތަކެއް ފަހިވެގެންދާނެއެވެ.
5 އަހަރުގެ ތެރޭގައި 5 މިލިއަން ގަސް އިންދުމުގެ މި ބޮޑު މަޝްރޫއު ރަސްމީކޮށް އިފްތިތާހުކޮށްފައިވަނީ މިދިޔަ އަހަރުގެ ޖޫން މަހުގެ 5 ވަނަ ދުވަހުއެވެ. މި މަސައްކަތުގައި ސަރުކާރު ހިއްސާވާ ކުންފުނިތަކާއި، ހާއްސަކޮށް އެއް މިލިއަން ގަސް އިންދުމަށް އެއްބަސްވެފައިވާ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމް.ޕީ.އެލް) އާއި، އެހެނިހެން މުއައްސަސާތަކުގެ ބައިވެރިވުން ވަރަށް ބޮޑެވެ.
މި މަޝްރޫއަކީ 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހު ބޭއްވުނު ކޮޕް 28 ސަމިޓުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދުނިޔެއަށް އިއުލާނުކުރެއްވި މުހިންމު ވައުދުފުޅެކެވެ.









