ކ. ތިލަފުށިން ފުރައިގެން ދަތުރުކުރި ލޭންޑިންގ ކްރާފްޓެއް ދިޔަވެ، ކ. ގާފަރު ކައިރިއަށް އަޑިއަށްދާކަމުގެ މައުލޫމާތު ލިބިގެން އެ އުޅަނދުން ގެއްލުނު ދެ ބިދޭސީން ހޯދުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން ފަށައިފިއެވެ.
މި ހާދިސާގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ މިއަދު ހެނދުނު 08:48 އެހައިކަންހާއިރުއެވެ. ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި، މި ހާދިސާ ހިނގި ވަގުތު އެ އުޅަނދުގައި ޖުމްލަ 10 މީހުން ތިއްބެވެ. އޭގެ ތެރޭގައި ހިމެނެނީ 2 ދިވެހިންނާއި 8 ބިދޭސީންނެވެ.
އުޅަނދު އަޑިއަށްދާން ފެށުމާއެކު ކުރެވުނު މަސައްކަތުން މިހާތަނަށް 8 މީހަކު ވަނީ ފެނިފައެވެ. ނަމަވެސް، އޭގެ ތެރޭގައި ހިމެނޭ ބާކީ 2 ބިދޭސީން އަދިވެސް ނުފެންނާތީ، އެ މީހުން ހޯދުމުގެ ވަރުގަދަ އޮޕަރޭޝަނެއް ކަމާބެހޭ ފަރާތްތަކުން މިހާރު ދަނީ ހިންގަމުންނެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބާއި، ގެއްލުނު މީހުންނާ ބެހޭ އިތުރު ތަފްސީލު ހޯދުމުގެ މަސައްކަތް ފުލުހުންނާއި ކަމާގުޅޭ އިދާރާތަކުން ދަނީ ކުރަމުންނެވެ.









