ހުޅުމާލެ އިންޑަސްޓްރިއަލް ޒޯނުގައި ޕާކު ކޮށްފައި ހުރި އުޅަނދުތައް މިރޭ 11:00 ގެ ކުރިން ނަގަން އަންގައިފިއެވެ.
ފުލުހުން ވަނީ އިންޑަސްޓްރިއަލް ޒޯނު ހިމެނޭ ސަރަޙައްދުގެ މަގުތަކުގައި ޕާކު ކޮށްފައިވާ އުޅަނދުތައް މިރޭ 11ގެ ކުރިން ނަގަން އަންގާ، ޕާކިން ހުސްކުރުމަށް ބޭނުންވާ މަގުތަކުގެ ޗާޓެއް ޙިއްސާކޮށްފައެވެ.
ފުލުހުން ބުނީ އެ ސަރަޙައްދުގައި ހުރި އުޅަނދުތައް ނަގަން އެންގީ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އެ ސަރަޙައްދު ސާފުކުރުމަށް މަސައްކަތް ކުރުމަށްޓަކައި ކަމަށެވެ.

މާލޭގައި ޤަވާޢިދާ ޚިލާފަށް ޕާކުކޮށްފައި ހުރި އުޅަނދުތައް ޤަވާޢިދަށް ފެއްތުމަށްޓަކައި ޓްރާންްސްޕޯޓް މިނިސްްޓްރީން މަސައްކަތް ކުރަމުން އަންނަ އިރު، އެ މިނިސްޓްރީން ވަނީ އެއްގަމު ދަތުރުފަތުރުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް ރަޖިސްޓްރީ ނުކޮށް ބަންޑާރަ މަގުތަކުގައި ދުއްވާ އަދި ޕާކު ކުރާ އުޅަނދުތަކާއި އެހެން ޒޯން ތަކުގައި ރަޖިސްޓްރީ ކޮށްފައިވާ އުޅަނދުތައް ހުޅުމާލެއަށް ބަދަލުކުރުމަށް އަންގާފައެވެ.
މި އުޅަނދުތައް ހުޅުމާލެ ލޮޓް ނަންބަރު 452 ބިމުގައި ވަގުތީ ގޮތުން ބަހައްޓާނެ އިންތިޒާމް ހަމަޖައްސާފައިވާއިރު މިނިސްޓްރީން ވަނީ މި އުޅަނދުތައް ޚާއްސަ ކުރެވިފައިވާ ބިމަށް ވީ އެންމެ އަވަހަކަށް ގެންދިއުމަށް އެދިފައެވެ. އަދި އެ އެންގުމާ ޚިލާފުވާ އުޅަނދުތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.









