ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ މުވައްޒަފުންނަށް ބައިނަލްއަގުވާމީ ފެންވަރުގައި ބަލައިގަންނަ ފަންނީ ތަމްރީނުތައް ހޯދައިދިނުމަށްޓަކައި، ބީއެމްއެލް އެކެޑަމީން އިންސެފް ޔުނިވަރސިޓީއާއެކު ސްޓްރެޓެޖިކް ޕާޓްނަރޝިޕެއް ގާއިމުކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ބޭންކުގެ މުވައްޒަފުންގެ ފަންނީ ގާބިލްކަން އިތުރުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ދަށުންނެވެ.
މި އެމްއޯޔޫގެ ދަށުން، އިސްލާމިކް ފައިނޭންސްގެ ދާއިރާއިން އިންސެފް ޔުނިވަރސިޓީން ހިންގާ ބައިނަލްއަގުވާމީ ފެންވަރުގެ ޕްރޮގްރާމްތަކާއި، އެގްޒެކެޓިވް އެޑިއުކޭޝަން، ޕްރޮފެޝަނަލް ސެޓިފިކޭޝަން އަދި ހާއްސަ ތަމްރީނުތައް ބޭންކުގެ މުވައްޒަފުންނަށް ލިބިގެންދާނެއެވެ. މީގެ އިތުރުން، މާލީ ދާއިރާގެ ކުރިއެރުމަށް ބޭނުންވާ މައުލޫމާތު ހިއްސާކުރުމާއި، ލީޑަރޝިޕް ތަރައްގީކުރުމުގެ އިތުރުން ސިނާއީ ގުޅުންތައް ބަދަހިކުރުމުގެ މުހިންމު ފުރުސަތުތަކެއްވެސް މި އެއްބަސްވުމުގެ ސަބަބުން ފަހިވެގެންދާނެއެވެ.
ބީއެމްއެލް އެކެޑަމީއަކީ ބައިނަލްއަގުވާމީ ފެންވަރުގައި ބަލައިގަންނަ ތައުލީމާއި ތަމްރީނު މެދުވެރިކޮށް، ރާއްޖޭގެ ބޭންކިންގ ދާއިރާގެ ފަންނީ މީހުން ތަރައްގީކުރުމަށް ބޭންކުން ހާއްސަކޮށްގެން ގާއިމުކޮށްފައިވާ އެކެޑަމީއެކެވެ. މުވައްޒަފުންގެ ހުނަރު އިތުރުކުރުމަށް މި އެކެޑަމީން މީގެ ކުރިންވެސް ވަނީ އޭޝިއަން އިންސްޓިޓިއުޓް އޮފް ޗާޓަރޑް ބޭންކާސް އާއި ސިންގަޕޯ މެނޭޖްމަންޓް ޔުނިވަރސިޓީ ފަދަ ދުނިޔޭގެ މަޝްހޫރު މުއައްސަސާތަކާއެކު އެއްބަސްވުންތައް ގާއިމުކޮށް ކާމިޔާބު ތަމްރީނުތަކެއް ހިންގާފައެވެ.
ދިވެހިރާއްޖޭގެ ބޭންކިންގ އަދި މާލީ ހިދުމަތްތަކުގެ ދާއިރާ އިތުރަށް ހަރުދަނާކޮށް ކުރިއެރުވުމަށްޓަކައި، ފެންވަރު ރަނގަޅު އުނގެނުމުގެ ފުރުސަތުތައް ފުޅާކުރުމަކީ ބީއެމްއެލްގެ މުހިންމު އަމާޒެކެވެ. މި އަމާޒަށް ވާސިލްވުމަށް ބީއެމްއެލް އެކެޑަމީން ދަނީ ދުނިޔޭގެ ކުރިއަރާފައިވާ ތައުލީމީ މުއައްސަސާތަކާއެކު ގާތް ގުޅުމެއް ބާއްވައި، މުވައްޒަފުންނަށް ބޭނުންވާ އެންމެ ޒަމާނީ ތަމްރީނުތައް ފޯރުކޮށްދެމުންނެވެ.









