މާލޭ ޢީދު މިސްކިތުން އަނެއްކާވެސް ވައްކަން ކޮށްފިއެވެ.
މާލެ ސިޓީ ކައުންސިލުން ބުނީ ޢީދު މިސްކިތުން އަނެއްކާވެސް ވައްކަން ކޮށްފައި ވަނީ ރޭގެ ވަގުތެއްގައި ކަމަށެވެ. އެގޮތުން މިސްކިތުގައި ހަރުކޮށްފައި ހުރި 8 ބޮކި ވަގަށް ނަގާފައިވާކަމަށާއި، މި މައްސަލަ ދިވެހި ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް ކައުންސިލުން ބުންޏެވެ.
މިދިޔަ އަންގާރަ ދުވަހުގެ އިރުއޮއްސި 6:00 އާއި ރޭގަނޑު 10:00 އާއި ދެމެދުގެ ވަގުތެއްގައި ވެސް އެ މިސްކިތުން ވަނީ ވައްކަން ކޮށްފައެވެ. އެފަހަރު ވަގަށް ނަގާފައިވާ ތަކެތީގެ ތެރޭގައި 13 ބޮކި އަދި 8 ފަންކާގެ ނަރުތައް ހިމެނޭ ކަމަށް ކައުންސިލުން ބުންޏެވެ. ކައުންސިލުން ބުނީ މި މައްސަލަ ވެސް ފުލުހަށް ހުށަހަޅާފައިވާ ކަމަށެވެ.
މިދިޔަ ޖޫން މަހުގެ ތެރޭގައި ވެސް ޢީދު މިސްކިތުން ވައްކަންކޮށް، 11 ފަންކާ ވަނީ ވަގަށް ނަގާފައެވެ. އެ މައްސަލައިގެ ތުހުމަތުގައި މީހަކު ހައްޔަރުވެސް ކުރިއެވެ.









