އައްޑޫ ސިޓީގެ ހަންކެޑެ އިންޓެގްރޭޓެޑް ޓޫރިޒަމް މޮޑެލަކަށް ތަރައްގީކުރުމަށްޓަކައި "އައްޑޫ ހަންކެޑެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް" ގެ ނަމުގައި ސަރުކާރުގެ އައު ކުންފުންޏެއް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އުފައްދަވައިފި އެވެ.
މި ކުންފުނި އުފައްދަވާފައިވަނީ ކުންފުނީގެ ޤާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުންނެވެ. ރައީސް އޮފީހުން ހާމަކުރި ގޮތުގައި، މި ކުންފުނި އުފެއްދުމުގެ އެންމެ ބޮޑު ބޭނުމަކީ އައްޑޫ އަތޮޅުގައި ފަތުރުވެރިކަމުގެ ސިނާއަތް މިހާރަށްވުރެ ފުޅާކޮށް، އޭގެ މަންފާ މުޅި އަތޮޅުގެ ރައްޔިތުންނަށް ހަމަހަމަކަމާއެކު ފޯރުކޮށްދިނުމެވެ.
މީގެ އިތުރުން، ފަތުރުވެރިކަމުގެ ދާއިރާގައި އައްޑޫ އަތޮޅުގެ ބައިވެރިވުން އިތުރުކުރުމާއި، ސަރުކާރުން ކަނޑައަޅާފައިވާ އިގްތިސާދީ ލަނޑުދަނޑިތައް ހާސިލުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ރޭވުންތެރިކަމާއެކު ކުރިއަށް ގެންދިއުމަކީވެސް މި ކުންފުނި އުފެއްދެވުމުގެ މަގްސަދެއް ކަމަށް ސަރުކާރުން ފާހަގަކުރި އެވެ.
ހަންކެޑެ ތަރައްގީ ކުރުމަށްޓަކައި މީގެ ކުރިންވެސް އެކި ސަރުކާރުތަކުން ގިނަ މަސައްކަތްތަކެއް ކޮށްފައިވެ އެވެ. އެގޮތުން 2005 ވަނަ އަހަރުން ފެށިގެން އެކި ކުންފުނިތަކާ މި މަސައްކަތް ހަވާލުކުރި ނަމަވެސް، އެކަށީގެންވާ ގޮތެއްގައި މަސައްކަތް ކުރިއަށް ގޮސްފައެއް ނުވެ އެވެ. އެންމެ ފަހުން ނިމިދިޔަ ސަރުކާރުން ހަންކެޑެއަކީ ރިއަލްއެސްޓޭޓް ޓޫރިޒަމް މަޝްރޫއެއް ހިންގާ ސަރަހައްދެއްގެ ގޮތުގައި ކަނޑައަޅައި، މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަނާ ހަވާލުކުރި ނަމަވެސް، ރައީސް ޑރ. މުޢިއްޒު ވަނީ އެ ނިންމުން ބަދަލުކުރައްވައި، އެތަން ފަތުރުވެރިކަމުގެ ވުޒާރާއާ ހަވާލުކުރައްވާފަ އެވެ.
މި އަހަރުގެ އޭޕްރީލް މަހުގެ 16 ވަނަ ދުވަހު މި ސަރުކާރުން ވަނީ ހަންކެޑެ އިންޓެގްރޭޓެޑް ޓޫރިޒަމް މަޝްރޫއުގެ ބިންގާ އަޅާފަ އެވެ. ޗައިނާގެ ނޭޝަނަލް އިލެކްޓްރިކަލް އިންޖިނިއަރިން ކޮމްޕެނީ (ސީއެންއީއީސީ) އާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއުގެ މަސައްކަތްތައް އަވަސްކޮށް، ނަތީޖާ ނެރުމަށްޓަކައި މިހާރު ވަނީ ހާއްސަ ކުންފުންޏެއް އުފައްދަވައި، މަސައްކަތްތައް ހަރުދަނާކުރަން ނިންމަވާފަ އެވެ.









