ތ. ބުރުނީގެ ގޮނޑުދޮށް ހިމާޔަތްކުރުމަށްޓަކައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫއުގެ ބޮޑުބައެއް ނިމިއްޖެއެވެ.
އެމްޓީސީސީން އާންމުކޮށްފައިވާ މަޝްރޫއުގެ އެންމެ ފަހުގެ މައުލޫމާތުތަކަށް ބަލާއިރު، މި މަޝްރޫއުގެ މުޅި ޖުމްލަ 96 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިންމާލެވިފައެވެ. މި މަޝްރޫޢަކީ މިނިސްޓްރީ އޮފް އިނފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓްގެ ފަރާތުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެ.
މި މަޝްރޫއުގެ އެއްބަސްވުމުގައި އޭރުގެ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިނފްރާސްޓްރަކްޗަރއާއެކު ސޮއިކޮށްފައިވަނީ 23 ސެޕްޓެމްބަރު 2021 ގައެވެ. އަދި މަސައްކަތުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި ސައިޓް މޮބިލައިޒްކޮށްފައިވަނީ 7 އޮކްޓޯބަރު 2021 ގައެވެ.
މި މަޝްރޫއުގެ ދަށުން ބުރުނީގެ ގޮނޑުދޮށް ހިމާޔަތްކުރުމަށްޓަކައި 719 މީޓަރުގެ ސަރަހައްދެއްގައި ބޮޑުހިލައިގެ ރިވެޓްމަންޓް ޖެހުމާއި، 9،261 ކިއުބިކް މީޓަރުގެ ސަރަހައްދެއް ފުންކުރުން ހިމެނެއެވެ. އެމްޓީސީސީން ހިއްސާކޮށްފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި މިހާރު ކުރިއަށްދަނީ ބްރޭކްވޯޓަރ 2-ބީގެ ޕްރޮފައިލިންގ މަސައްކަތްތަކެވެ.
ނަމަވެސް، އެންމެ ފަހުގެ އަދާހަމަތަކުން އެނގޭގޮތުގައި މި ވަގުތު މި މަޝްރޫޢުގެ މަސައްކަތް ވަނީ މެދުކަނޑާލެވިފައެވެ.
މި މަޝްރޫއު އެއްކޮށް ނިމުމުން، ބުރުނީގެ ގޮނޑުދޮށް ގިރުމުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބި، ރަށުގެ ގޮނޑުދޮށް ރައްކާތެރިކުރެވިގެންދާނެއެވެ. މިއީ އެ ރަށުގެ ރައްޔިތުންނަށް ދިމާވެފައިވާ ރަށްގިރުމުގެ ބިރުވެރިކަމުން ސަލާމަތްވުމަށް އެޅިގެންދާ މުހިންމު ފިޔަވަޅެކެވެ.









