މާލޭގެ ބޮޑުތަކުރުފާނު މަގު ތަރައްގީ ކުރުމުގެ ފުރަތަމަ ފިޔަވަހީގެ ދަށުން، މިހާތަނަށް ތާރު ނާޅާ އޮތް ސަރަހައްދުގައި ތާރު އަޅައި މާދަމާގެ ނިޔަލަށް އެ މަސައްކަތް އެއްކޮށް ނިންމާލާނެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އިން ހާމަކޮށްފި އެވެ.
އެމްޓީސީސީއިން ބުނީ، ބޮޑުތަކުރުފާނު މަގު ތަރައްގީ ކުރުމުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ކުރިއަށްދާ ސަބް-ބޭސް މަސައްކަތްތަކާއި އެގްރެގޭޓް ބޭސް ކޯސް (އޭބީސީ) ގެ މަސައްކަތްތައް މިހާރު 100 އިންސައްތަ ނިމިފައިވާ ކަމަށެވެ. މިއީ މި މަޝްރޫއުގެ ތެރެއިން ހާސިލްކުރެވުނު މުހިންމު ކާމިޔާބީއެއްގެ ގޮތުގައި އެ ކުންފުނިން ފާހަގަކުރި އެވެ.
އެމްޓީސީސީން އިތުރަށް ބުނީ، މާދަމާ މަގުގެ ބާކީ އޮތް ބައިގައި ތާރުއަޅައި ނިންމުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ. މި ސަރަހައްދުގައި ތާރުއަޅާ ނިމުމާއެކު، މުޅި މަޝްރޫއު ނިމުމަކާ ގާތްވާނެ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.
މަޝްރޫއުގެ ތަފްސީލް ހިއްސާކުރަމުން އެމްޓީސީސީން ބުނީ، ސެގްމެންޓް 4 އަދި 5 ގެ މަގުގެ ކުރެހުންތައް މިހާރު ނިމިފައިވާ ކަމަށެވެ. އަދި މިހާރު ކުރިއަށްދަނީ ޕާކިންގް ޒޯންތަކުގެ މަސައްކަތްތަކާއި، ސެގްމެންޓް 2 އަދި 3 ގެ ޕޭވްމެންޓް ހެދުމާއި ކޭބަލް ޓްރެންޗިންގްގެ މަސައްކަތްތަކެވެ.
މި މަހުގެ 26 ވަނަ ދުވަހު އާންމުންނަށް ހުޅުވާލުމަށް ތައްޔާރުވަމުންދާ މި ސަރަހައްދަށް މިހާރު ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފަ އެވެ. ބާސެލޯ ނަސަންދުރާއިން ފެށިގެން އިއްޒުއްދީން ފާލަމާ ހަމައަށް ފަޅުތެރެއިން ބައެއް ހިއްކައިގެން މަގު ފުޅާކޮށް، ބޮޑު ސަރަހައްދެއްގައި މިހާރު ވަނީ ތާރު އަޅާފަ އެވެ.
މިދިޔަ މާޗް މަހުގެ 23 ވަނަ ދުވަހު އަމަލީ މަސައްކަތް ފެށި މި މަޝްރޫއު ނިމުމުން، އެއްގަމު އުޅަނދުތަކަށް ދުއްވުމުގައި ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ އެވެ. މީގެކުރިން ގާ އަޅާފައި އޮތް މި ސަރަހައްދަކީ މަގު ހަލާކުވެ، އަޑިގުޑަންތަކުގެ ސަބަބުން އުޅަނދުތަކަށް ގެއްލުންލިބި، ޕާކުކުރުމަށް ދަތިތަކާ ކުރިމަތިލާންޖެހުނު ސަރަހައްދެކެވެ.
ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން ނޯތު ހާބަރުން ފެށިގެން އެމްއެމްއޭއާ ހަމައަށް މިހާރު ވަނީ ތާރު އަޅައި ބޭނުންކުރަން ފަށާފަ އެވެ.









