ޔަމަނުގެ ބައިނަލްއަޤުވާމީ ގޮތުން ބަލައިގަންނަ ސަރުކާރުން، އެޤައުމުގެ ވެރިރަށް ސަންޢާގެ އެއާޕޯޓަށް ދިން ވަރުގަދަ ހަމަލާތަކަކާއި، އީރާނުގެ ތާއީދު އޮންނަ ހޫޘީ ހަނގުރާމަވެރިން ފޮނުވާލި މިސައިލް ހަމަލާތަކަކާއެކު، ޔަމަނުގެ މަޝްރަހު އަނެއްކާވެސް ނުތަނަވަސްވެ ހަނގުރާމައިގެ ބިރުވެރިކަން ބޮޑުވެއްޖެއެވެ.
މި ހަމަލާތައް ދޭން ފަށާފައިވަނީ ހޯމަ ދުވަހުއެވެ. ޔަމަނުގެ ސަރުކާރު ސިފައިން ސަންޢާ އެއާޕޯޓުގެ ރަންވޭއަށް ބޮން އެޅީ، އީރާނުން އައި ހޫޘީންގެ ވަފުދެއް ދަތުރުކުރި މަތިންދާބޯޓެއް އެ އެއާޕޯޓަށް ޖެއްސުން ހުއްޓުވުމަށެވެ. މީގެ ރައްދުގައި ހޫޘީ ހަނގުރާމަވެރިން ވަނީ ސައުދީ އަރަބިއްޔާގެ އެހީތެރިކަން ލިބޭ ކޯލިޝަން ފައުޖުތަކަށް އަމާޒުކޮށް ބެލިސްޓިކް މިސައިލް ފޮނުވާލާފައެވެ.
ޔަމަނުގެ ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އީރާނުގެ އެހީތެރިކަން ލިބޭ ހޫޘީ ޓެރަރިސްޓުން ޔަމަނުގެ ގައުމީ މަތިންދާބޯޓުތައް ސަންޢާ އެއާޕޯޓަށް ޖެއްސުމަށް ހުރަސްއަޅާފައިވާ ކަމަށެވެ. އަދި އޭގެ ބަދަލުގައި އީރާނުގެ މަތިންދާބޯޓެއް ޔަމަނުގެ ވައިގެ ސަރަހައްދަށް ވަނުމަށް ބާރުއަޅަމުންދާތީ، އެކަން ހުއްޓުވުމަށްޓަކައި އެއާޕޯޓުގެ ރަންވޭއަށް ހަމަލާދޭން މަޖުބޫރުވީ ކަމަށް ސަރުކާރުން ހާމަކުރިއެވެ.
މި ހަމަލާ ދިނުމުގެ ކުރިން ޔަމަނުގެ ޑިފެންސް މިނިސްޓްރީން ވަނީ އެއާޕޯޓާއި އެ ސަރަހައްދުގައި އުޅޭ އާންމުންނާއި، މަސައްކަތްތެރިންނާއި، ޑިޕްލޮމެޓިކް މިޝަންތަކުގެ އިތުރުން އިންސާނީ އެހީ ފޯރުކޮށްދޭ ޖަމިއްޔާތަކުން ވަގުތުން އެ ސަރަހައްދު ދޫކޮށް ދިއުމަށް އިންޒާރު ދީފައެވެ.
މި ހާދިސާއާ ގުޅިގެން ހޫޘީން ފަހުން ބުނެފައިވަނީ، ތެހެރާނުން އައި އެ ވަފުދު ދަތުރުކުރި މަތިންދާބޯޓު މިހާރު ހުދައިދާ ބަނދަރު ސިޓީއަށް ޖައްސާފައިވާ ކަމަށެވެ. ހޫޘީންގެ ޓްރާންސްޕޯޓް މިނިސްޓަރާ ހަވާލާދީ އަލް-މަސީރާ ޗެނަލުން ރިޕޯޓުކުރި ގޮތުގައި، އެ ބޯޓުގައި ގައުމުން ބޭރުގައި ތާށިވެފައި ތިބި މީހުންނާއި ބަލިމީހުންގެ އިތުރުން ރަސްމީ ވަފުދެއް ވަނީ ގައުމަށް އެނބުރި އައިސްފައެވެ.
ހޫޘީންގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ވަނީ މި ހަމަލާގެ ބަދަލު ހިފާނެ ކަމަށް ބުނެ އިންޒާރު ދީފައެވެ. އަދި މި ހަމަލާގެ ޒިންމާ ސައުދީ އަރަބިއްޔާއިން އުފުލަންޖެހޭނެ ކަމަށް އެ ގުރޫޕުން ބުނި ނަމަވެސް، އެކަމުގެ އެއްވެސް ހެއްކެއް ދައްކާފައެއް ނުވެއެވެ.
އީރާނުންވެސް ވަނީ މި ހަމަލާ ކުށްވެރިކޮށްފައެވެ. އީރާނުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު އިސްމާއިލް ބަގާއީ ވިދާޅުވީ، މިއީ ބައިނަލްއަޤުވާމީ ޤާނޫނުތަކާއި އދ. ގެ ޗާޓަރާ ޚިލާފު، ޔަމަނުގެ އިސްތިޤުލާލަށް އަރައިގަތުން ކަމަށެވެ. މިކަމާ ގުޅިގެން ސައުދީ ސަރުކާރުން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.
ޔަމަނުގެ މަޝްރަހު މިހާރު އޮތް ގޮތުން، ވެރިރަށް ސަންޢާ އާއި އުތުރުގެ ބޮޑު ބައެއް އޮތީ ހޫޘީންގެ ކޮންޓްރޯލްގެ ދަށުގައެވެ. އަދި ސައުދީގެ ތާއީދު އޮންނަ ޔަމަނުގެ ސަރުކާރު ހިންގަމުންދަނީ ދެކުނުގެ ސިޓީއެއް ކަމަށްވާ އަދަންގައެވެ. މި ހަމަލާތަކާއެކު، އަނެއްކާވެސް މުޅި ޔަމަނުގައި ބޮޑު ހަނގުރާމައެއް ފެށިދާނެ ކަމުގެ ބިރު ވަނީ އިންތިހާއަށް ބޮޑުވެފައެވެ.









