ރާއްޖޭގެ މާލީ ހާލަތު ހަރުދަނާވެ، މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީ 22.4 ބިލިއަން ރުފިޔާއަށް އަރައިފިކަމަށް މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސް އިން ހާމަކޮށްފި އެވެ.
މިނިސްޓްރީން އާންމުކޮށްފައިވާ އެންމެ ފަހުގެ "ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް" ރިޕޯޓުގައިވާ ގޮތުން، 2 ޖުލައި 2026 ގެ ނިޔަލަށް ދައުލަތަށް ލިބުނު އާމްދަނީ ވަނީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 2.1 ބިލިއަން ރުފިޔާ ނުވަތަ 10.4 އިންސައްތަ އިތުރުވެފަ އެވެ. 2025 ވަނަ އަހަރުގެ މި މުއްދަތުގައި ދައުލަތަށް ލިބިފައިވަނީ 20.3 ބިލިއަން ރުފިޔާ އެވެ.
މާލީ ހާލަތު ރަނގަޅުވުމުގެ އެންމެ ބޮޑު ސަބަބެއްގެ ގޮތުގައި ފާހަގަކުރެވެނީ ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުމެވެ. އެގޮތުން ޓެކްސް އާމްދަނީ ވަނީ މިދިޔަ އަހަރުގެ 15.3 ބިލިއަން ރުފިޔާއިން 17.3 ބިލިއަން ރުފިޔާއަށް އުފުލިފަ އެވެ. މީގެ ތެރެއިން އެންމެ ބޮޑު ކުރިއެރުމެއް ލިބިފައިވަނީ ކޯޕަރޭޓް އިންކަމް ޓެކްސް އާއި (ޖީ.އެސް.ޓީ އިންނެވެ.
އެގޮތުން ޖުމްލަ ޖީ.އެސް.ޓީގެ ގޮތުގައި 9.6 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. މީގެ ތެރޭގައި ހިމެނެނީ އާންމު ޖީ.އެސް.ޓީގެ ގޮތުގައި ލިބުނު 2.9 ބިލިއަން ރުފިޔާ އާއި، ފަތުރުވެރިކަމުގެ ދާއިރާގެ ޖީ.އެސް.ޓީ (ޓީ-ޖީ.އެސް.ޓީ) ގެ ގޮތުގައި ލިބުނު 6.6 ބިލިއަން ރުފިޔާ އެވެ. ކޯޕަރޭޓް އިންކަމް ޓެކްސްގެ ގޮތުގައި 1.7 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ ވިޔަފާރީގެ ހަރަކާތްތައް އިތުރުވުމާއި ޓެކްސް ދެއްކުމުގެ ސުންގަޑިތަކާ ގުޅިގެން ލިބުނު ކުރިއެރުމެކެވެ.
ދައުލަތުގެ ހަރަދުތަކަށް ބަލާއިރު، މިއަހަރުގެ މިހާތަނަށް ޖުމްލަ 23.4 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ. މިއީ މިދިޔަ އަހަރަށްވުރެ 21.7 އިންސައްތަ އިތުރު އަދަދެކެވެ. ހަރަދު އިތުރުވުމުގެ މައިގަނޑު ސަބަބަކީ މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކަށް ކުރި ހަރަދު އިތުރުވުމެވެ. އެގޮތުން މުސާރައާއި ޕެންޝަނަށް ޖުމްލަ 8.0 ބިލިއަން ރުފިޔާ ހަރަދުވެފައިވެ އެވެ.
މީގެ އިތުރުން، ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގު އުފުލުމާ ގުޅިގެން، ރައްޔިތުންނަށް ފޯރުކޮށްދޭ އަސާސީ ހިދުމަތްތަކުގެ އަގު ހިފެހެއްޓުމަށް ސަރުކާރުންދޭ ސަބްސިޑީއަށް ކުރި ހަރަދުވެސް ވަނީ 1.4 ބިލިއަން ރުފިޔާއަށް އުފުލިފަ އެވެ.
ކެޕިޓަލް ހަރަދު ނުވަތަ ތަރައްޤީގެ މަޝްރޫޢުތަކަށް ކުރާ ހަރަދު 3.0 ބިލިއަން ރުފިޔާއަށް އިތުރުވެފައިވާއިރު، ދައުލަތުގެ ޕްރައިމަރީ ސާޕްލަސްގެ ގޮތުގައި 1.7 ބިލިއަން ރުފިޔާ ވަނީ ރެކޯޑުކުރެވިފަ އެވެ. ނަމަވެސް، ހުރިހާ ހަރަދެއް ހިމެނުމުން ބަޖެޓު ވަނީ 975.9 މިލިއަން ރުފިޔާއިން ޑެފިސިޓްވެފަ އެވެ.
ހަރަދުތައް އިތުރުވި ނަމަވެސް، އާމްދަނީ އިތުރުވުމަކީ ދައުލަތުގެ މާލީ ދެމެހެއްޓެނިވިކަން ކަށަވަރުކުރުމަށް ލިބޭ ބޮޑު ބާރެއްކަމަށް މިނިސްޓްރީ އޮފް ފައިނޭންސްއިން ހާމަކުރި އެވެ.









