މި ދުވަސްވަރަކީ ރާއްޖޭގެ މަސްވެރިކަން އެހާ ރަނގަޅު ދުވަސްވަރެއް ނޫނެވެ. މަސްވެރިކަން ދަށް ވުމުގެ ސަބަބުން ހުސްވި މަހު މިފްކޯ އަށް ލިބުނީ 568 ޓަނުގެ ކަޅުބިލަމަހެވެ.
މިފްކޯ އިން ވަނީ މިދިޔަ މަހު ކިރުވި މަހަށް 11 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފައެވެ.
މިފްކޯގެ ތަފާސްހިސާބުތަކަށް ބަލާއިރު، ޖޫންމަހު ކަޅުބިލަމަހާއި ކަންނެލި މަސްދޯނިތައް ހިމެނޭހެން ޖުމްލަ 517 ދޯންޏަކުން 568 ޓަނުގެ މަސް ކިރުވާފައިވެއެވެ. އަދި މި ދޯނިތަކަށް ޖުމްލަ 11,332,391 ރުފިޔާ ވަނީ ދޫކޮށްފައެވެ. އޭގެތެރޭގައި 196 ދޯންޏަކުން ކިރުވި 484.4 ޓަނުގެ ކަޅުބިލަމަހަށް ދޫކުރި 9.3 މިލިއަން ރުފިޔާ ހިމެނެއެވެ. އަދި ބޮޑުކަންނެލި ކިރުވި ދޯނިތަކަށް ޖުމްލަ 2 މިލިއަނެއްހާ ރުފިޔާ ވަނީ ދޫކޮށްފައެވެ.
މީގެކުރީގެ ސަރުކާރުތަކާ ޚިލާފަށް، ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން އިސްކަންދެނީ މަސްވެރިންނަށް ދޭންޖެހޭ ފައިސާ ލަސްނުކޮށް ވީހާވެސް އަވަހަށް ޖީބަށް ވަންނާނެ ނިޒާމެއް ގާއިމްކުރުމަށެވެ.
މިފްކޯއިން ބަރާބަރަށް ފައިސާ ދޫކުރަމުންދިއުމަކީ މަސްވެރި އާއިލާތަކުގެ ފުދުންތެރިކަން އިތުރުކުރުމަށް ރައީސް ވެވަޑައިގެންފައިވާ ވައުދުގެ ބައެކެވެ.
މީގެ އިތުރުން، މަސް ރައްކާކުރާ ކެޕޭސިޓީ އިތުރުކުރުމާއި، ތެލާއި އައިސް ފަސޭހައިން ލިބޭނެ މަގުފަހިކޮށްދިނުމަކީ ރައީސް މުޢިއްޒު ޚާއްސަ އިސްކަމެއް ދެއްވައިގެން ކުރައްވަމުންދާ ގައުމީ މަސައްކަތްތަކެކެވެ.









