ހުޅުމާލޭ ހޮސްޕިޓަލުން ކުރިއަށްގެންދާ މެޑިކަލް އިންޓާންޝިޕް ޕްރޮގްރާމްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.
އެ ހޮސްޕިޓަލުން ބުނިގޮތުގައި، މި އިންޓޭކުގައި ފުރުސަތު ދިނުމަށް ހަމަޖެހިފައިވަނީ ޖުމްލަ 15 ފަރާތަކަށެވެ. މި ޕްރޮގްރާމަށް ކުރިމަތިލުމުގެ ސުންގަޑިއަކީ މިމަހުގެ 12 ވާ އާދިއްތަ ދުވަހުގެ މެންދުރުފަހު 14:00 އެވެ.
ހުޅުމާލޭ ހޮސްޕިޓަލުގެ މެޑިކަލް އިންޓާންޝިޕަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ މައިގަނޑު ޝަރުތުތަކުގެ ތެރޭގައި:
- މެޑިކަލް ކޮލެޖް ނުވަތަ ޔުނިވާސިޓީއަކުން އެމްބީބީއެސް ފުރިހަމަކުރިކަމުގެ ސެޓްފިކެޓް އޮތުން.
- މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްގެ "ސެޓްފިކެޓް އޮފް ޕްރޮވިޝަނަލް މެޑިކަލް ރެޖިސްޓްރޭޝަން" ލިބިފައިވުން.
- ވޭތުވެދިޔަ 5 އަހަރު ދުވަހުގެ ތެރޭގައި ޖިނާއީ އެއްވެސް ކުށެއްގެ ރެކޯޑެއް ނެތް މީހަކު ކަމުގައިވުން.
މި ޕްރޮގްރާމަށް ކުރިމަތިލާއިރު ހުށަހަޅަންޖެހޭ ލިޔެކިޔުންތަކުގެ ތެރޭގައި ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމާއި، އައިޑީ ކާޑު ނުވަތަ ޕާސްޕޯޓް ކޮޕީއާއި، ޕޮލިސް ކްލިއަރެންސް ސެޓްފިކެޓް އަދި ޕާސްޕޯޓް ސައިޒުގެ ފޮޓޯއެއް ހިމެނެ އެވެ. މީގެ އިތުރުން، އެމްބީބީއެސް ސެޓްފިކެޓާއި ޕްރޮވިޝަނަލް މެޑިކަލް ރެޖިސްޓްރޭޝަން ސެޓްފިކެޓްގެ އެޓެސްޓްކޮށްފައިވާ ކޮޕީ ހުށަހަޅަންޖެހޭނެ ކަމަށްވެސް ހޮސްޕިޓަލުން ބުންޏެވެ.
މި އިންޓާންޝިޕް ޕްރޮގްރާމަކީ ޑޮކްޓަރުކަން ކިޔަވައިގެން އަންނަ ދަރިވަރުންނަށް އަމަލީ ތަޖުރިބާ ހޯދައިދިނުމަށް ހުޅުމާލޭ ހޮސްޕިޓަލުން ކުރިއަށްގެންދާ މުހިންމު ޕްރޮގްރާމެއްކަމަށާއި މި އިންޓާންޝިޕަށް ބޭނުންވާ އެޕްލިކޭޝަން ފޯމު ހުޅުމާލޭ ހޮސްޕިޓަލުގެ ރަސްމީ ވެބްސައިޓުން މިހާރު ޑައުންލޯޑް ކުރެވޭނެކަމަށް އެ ހޮސްޕިޓަލުން ފާހަގަކުރި އެވެ.









