ހުޅުމާލެ ހޮސްޕިޓަލުގައި ފުރަތަމަ ފަހަރަށް ކަކުލުގެ އާތުރޮސްކޮޕިކް ސާޖަރީއެއް ކާމިޔާބުކަމާއެކު ކޮށްފި އެވެ.
މިކަމާ ގުޅިގެން މާލެ ގްރޫޕް އޮފް ހޮސްޕިޓަލުގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާގް ހަލީމް އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވި ގޮތުގައި، މި އާ ޓެކްނޮލޮޖީގެ ސަބަބުން ބަލިމީހުންނަށް އަވަހަށް ބަލިން ފަސޭހަވުމުގެ ފުރުސަތު ލިބިގެންދާނެ އެވެ. މި އާތްރޮސްކޮޕިކް އޭސީއެލް ރީކޮންސްޓްރަކްޝަން ސަޖަރީއާއެކު، ހުޅުމާލެ ހޮސްޕިޓަލުގައި ކަކުލުގެ އާތްރޮސްކޮޕިކް ސާޖަރީގެ ހިދުމަތް ރަސްމީކޮށް ވަނީ ފެށިގެން ގޮސްފަ އެވެ.
މި ސާޖަރީއަކީ ހުޅުމާލެ ހޮސްޕިޓަލްގެ އޮތޯޕީޑިކް ޑިޕާޓްމަންޓްގެ ކްލިނިކަލް ހެޑް، ޑރ. އަޙްމަދު އާޒިމްގެ އިސްނެންގެވުމުގެ ދަށުން ކުރެވުނު ސާޖަރީއެކެވެ.
"މި ފާހަގަކޮށްލެވޭ ކާމިޔާބީއަށްޓަކައި މުޅި ޓީމަށް ހޫނު މަރުހަބާއާއި ތަހުނިޔާ ދަންނަވަން. މި ކުރިއެރުމަކީ ރާއްޖޭގެ ސިއްހީ ހިދުމަތުގެ ފެންވަރު މަތިކުރުމަށް އެޅުނު އިތުރު ފިޔަވަޅެއް." --- ސީއީއޯ ހަލީމް ވިދާޅުވި އެވެ.
ކުރިއަށް އޮތްތަނުގައި ވެސް ބަލި މީހުންނަށް އެންމެ ފައިދާ ހުރި ގޮތުގައި ހިދުމަތް ފޯރުކޮށްދިނުމަށް ހުޅުމާލެ ހޮސްޕިޓަލުން ދެމިއޮންނާނެ ކަމުގެ ޔަގީންކަން ސީއީއޯ ހަލީމް ވަނީ ދެއްވައިފަ އެވެ.