ނިމިދިޔަ އެމްޑީޕީގެ ސަރުކާރުގެ ދައުރުގައި، އަމިއްލަ މަދަނީ ޖަމްއިއްޔާއަކަށް "ގައުމީ ދަރަޖަ" ދީ، އެ ޖަމްއިއްޔާގެ ނަން ބަދަލުކުރުމުގެ ހުއްދަ ދިން މައްސަލައެއް ހޫނުވެ، އެކަމުގެ ހަގީގަތް ސާފުކުރުމަށް އަމިއްލަ ފަރާތަކުން އިކޮނޮމިކް މިނިސްޓްރީގައި އެދިއްޖެއެވެ.
މި މައްސަލަ އަކީ ކުރިން "ލިވްއަބޯޑް އެސޯސިއޭޝަން އޮފް މޯލްޑިވްސް" ގެ ނަމުގައި ހިންގަމުން ދިޔަ އަމިއްލަ އެންޖީއޯއެއްގެ ނަން، "ނޭޝަނަލް ބޯޓިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް" ގެ ނަމަށް ބަދަލުކޮށް، އެ ޖަމްއިއްޔާ އަކީ މުޅި ރާއްޖޭގެ ބޯޓިންގ ދާއިރާ ތަމްސީލުކުރާ "ގައުމީ" ސިފައެއް އެކުލެވޭ އިދާރާއެއްގެ ގޮތުގައި ދެއްކުމަށް ހުއްދަ ދީފައިވާ މައްސަލައެކެވެ. މައްސަލަ ހޫނުވެގެން އުޅެނީ ވަކި މީހެއްގެ މަސްލަހަތު ހިމެނޭތީވެ ގައުމީ ދަރަޖަ ދިނީ ކަމަށް ތުހުމަތު ކުރެވޭތީއެވެ.
އެހެންނަމަވެސް, ދިވެހިރާއްޖޭގެ ޖަމްޢިއްޔާތަކުގެ ޤާނޫނާއި ޤަވާޢިދު ބުނާގޮތުން، އަމިއްލަ ޖަމްޢިއްޔާއަކަށް "ނެޝަނަލް" ނުވަތަ "ޤައުމީ" މި ބަސް ނަމުގެ ކުރިއަށް ބޭނުންކުރެވިދާނެއެވެ. އެއީ މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް (ރެޖިސްޓްރާ އޮފް އެސޯސިއޭޝަންސް) އިން އެކަމަށް ޚާއްޞަ ހުއްދައެއް ދިނުމުންނެވެ.
އެނގިފައިވާ ގޮތުގައި ލިވްއަބޯޑް އެސޯސިއޭޝަން އޮފް މޯލްޑިވްސް" ގެ ނަމުގައި ހިންގަމުން ދިޔަ އަމިއްލަ އެންޖީއޯއެއްގެ ނަން، "ނޭޝަނަލް ބޯޓިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް“ ގެ ނަމަށް ބަދަލުކުރީ ފައްޔާޒް އިސްމާއީލްގެ އިކޮނޮމިކް މިނިސްޓަރުކަމުގެ ދުވަސްވަރުގައެވެ. ނޭޝަނަލް ބޯޓިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް“ ގައި ފައްޔާޒުގެ މަސްލަހަތު ހިމެނެއެވެ.









