މާލޭ ސިޓީ ކައުންސިލުން ގްލޯރިއަސް ޓްރޭޑިން އެންޑް ޝިޕިން އަށް 364،000 ރުފިޔާ ދެއްކުމަށް ސިވިލް ކޯޓުން އަމުރުކޮށްފިއެވެ. މިދިޔަ އާދީއްތަ ދުވަހު ސިވިލް ކޯޓުން ނެރުނު ހުކުމުގައި ބުނެފައިވަނީ މާލޭ ސިޓީ ކައުންސިލުން ގްލޯރިއަސް ޓްރޭޑިން އެންޑް ޝިޕިން އަށް ނުދައްކާ އޮތް 364،000 ރުފިޔާ ދައްކަން ޖެހޭނެ ކަމަށެވެ. އަދި މި ފައިސާ ކޯޓު މެދުވެރިކޮށް 14 ދުވަހުގެ ތެރޭގައި ދައްކާ ޚލާސް ކުރަން ޖެހޭނެ ކަމަށްވެސް ކޯޓުން އަމުރުކޮށްފައިވެއެވެ.
މި މަޝްރޫޢު އެންމެ ފުރަތަމަ ޙަވާލުކުރެވުނީ 2022 ވަނަ އަހަރުގެ ފެބްރުއަރީ މަހުގައި، 2.5 މިލިއަން ރުފިޔާގެ އަގުގައި، 45 ދުވަހުގެ މުއްދަތަށެވެ.
ގްލޯރިއަސް ޓްރޭޑިން އެންޑް ޝިޕިންގ އިން މާލޭ ސިޓީ ކައުންސިލްގެ މައްޗަށް ދަޢުވާ އުފުލާފައިވަނީ އަންނަނިވި ފައިސާ ހޯދުމަށެވެ:
- ކައުންސިލުން ނުދައްކާ ހުރި 364,000 ރުފިޔާ
- 2: މަސައްކަތް ލަސްވުމުގެ ސަބަބުން އިތުރަށް ހިނގި 781,000 ރުފިޔާ
- 3: ފައިސާ ދެއްކުން ލަސްވުމުގެ ޖޫރިމަނާގެ ގޮތުގައި 251,000 ރުފިޔާ
- 4: ނުސީދާ ގެއްލުމުގެ ބަދަލުގެ ގޮތުގައި 500,000 ރުފިޔާ
އެހެންނަމަވެސް، ކުންފުނިން ދަޢުވާކުރި އިތުރު 781,000 ރުފިޔާ، 251,000 ރުފިޔާ އަދި 500,000 ރުފިޔާ އަނބުރާ ނުލިބޭނެ ކަމަށް ކޯޓުން ޙުކުމްކޮށްފައިވެއެވެ.
މި މައްސަލައިގައި ސިވިލް ކޯޓުން ނިންމާފައިވަނީ މާލޭ ސިޓީ ކައުންސިލުން ދައްކަންޖެހޭ 364،000 ރުފިޔާ އެކަނި ދެއްކުމަށެވެ. އަދި ކުންފުނިން އެދުނު އެހެނިހެން ބަދަލުތައް ލިބިދިނުމަށް ކޯޓުން ނިންމާފައެއް ނުވެއެވެ.









