ކަސްޓަމަރުންނަށް ބޮޑު ފައިދާއެއް ލިބޭނެހެން ޔޫއެސް ޑޮލަރު އިންވެސްޓްކުރުމުގެ އާ ފުރުސަތުތަކެއް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިއަދު ހުޅުވާލައިފިއެވެ.
މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ތައާރަފުކުރި މި ހިދުމަތަކީ ބޭންކުން ފީގެ ގޮތުގައި އާމްދަނީ ލިބޭ ވިޔަފާރީގެ މުއާމަލާތްތަކަށް އިންވެސްޓްކުރުމަށް ހުޅުވާލި ފުރުސަތެކެވެ. މިގޮތަށް އިންވެސްޓްކުރުމަށް ވިއްކާ ޑޮލަރުން ކުރާ ވިޔަފާރިން ލިބޭ އާމްދަނީގެ ބޮޑު ބައެއް އިންވެސްޓްކުރާ ފަރާތްތަކަށް ފައިދާގެ ގޮތުގައި ދިނުމަށް ބޭންކުން ވަނީ ނިންމާފައެވެ.
ބޭންކުން މައުލޫމާތު ދޭ ގޮތުގައި، ކޮންމެ ދުވަހަކުވެސް ތަފާތު މިންވަރަށް ފައިދާލިބޭ އިންވެސްޓްމެންޓް ޕޫލްތަކެއް ހުޅުވާލެވޭނެއެވެ. މި ޕޫލްތަކުގެ މައުލޫމާތު ބޭންކުގެ މޯބައިލް އެޕް އަދި އިންޓަރނެޓް ބޭންކިންގ މެދުވެރިކޮށް ބަލާލެވޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖައްސާފައެވެ. އިންވެސްޓްކުރާ ޑޮލަރުގެ އަދަދަށްވާ ދިވެހި ރުފިޔާ ވަގުތުން ކަސްޓަމަރުގެ އެކައުންޓަށް ޖަމާވާނެއެވެ. އަދި އިންވެސްޓްމަންޓުން ލިބޭ ފައިދާ، ޖެހިގެން އަންނަ ދުވަހު ކަސްޓަމަރުގެ ރުފިޔާ އެކައުންޓަށް ޖަމާކޮށްދެވޭނެއެވެ. މި އިންވެސްޓްމަންޓްތަކުން %25 އާ ހަމައަށް ފައިދާ ލިބުމުގެ ފުރުސަތު އޮތްކަން ބޭންކުން ފާހަގަކުރެއެވެ.
މި ހިދުމަތް ތައާރަފުކޮށްދެއްވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ މުހައްމަދު ޝަރީފް ވިދާޅުވީ، ފާއިތުވި 5 އަހަރުގެ ތެރޭގައި ކާޑުތަކުން ކުރާ ބޭރުގެ މުއާމަލާތްތަކަށް ވިއްކާ ޑޮލަރުގެ އަދަދު 3.7 ގުނަ އިތުރުވެފައިވާ ކަމަށެވެ. އަދި އެވްރެޖްކޮށް މަހަކު 39.3 މިލިއަން ޑޮލަރު މިހާރު ބޭންކުން ވިއްކަމުންދާ ކަމަށާއި، ކޮންމެ މަހަކު ގާތްގަނޑަކަށް ތިންލައްކައެއްހާ މީހުން ރުފިޔާ ކާޑުން ބޭރުގެ މުއާމަލާތްތައް ކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.
"މީގެ އެންމެ މުހިންމު ސަބަބަކީ ދިވެހިން ބޭރުގެ ގައުމުތަކުން އޮންލައިންކޮށް މުދާ ގަތުން ނުވަތަ ކްރޮސް-ބޯޑަރ އީ-ކޮމާސް އިތުރުވުން. މިއީ ރާއްޖެއިން ޑިޖިޓަލް އީޖާދުތައް ބަލައިގަންނަ މިންވަރު ހާމަވާ ކަމެއް،"
ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފް
ސީއީއޯ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ފާއިތުވި 36 މަސްދުވަހުގެ ތެރޭގައި ބޭންކުން ވަނީ 1.6 ބިލިއަން ޑޮލަރު ކަސްޓަމަރުންގެ ބޭނުންތަކަށް ވިއްކާފައެވެ. މީގެ ތެރެއިން %60 އަކީ ކާޑު މުޢާމަލާތްތަކަށް ވިއްކާފައިވާ ފައިސާއެވެ. އޭނާ ވިދާޅުވީ މި އާ ނިޒާމުގެ ސަބަބުން ބޭންކަށް ޑޮލަރު ލިބި، އެ ޑޮލަރު ކަސްޓަމަރުންގެ ޒަރޫރީ ބޭނުންތައް ކަމަށްވާ މުދާ އިމްޕޯޓްކުރުމަށާއި ކާޑު ޕޭމަންޓްތަކަށް ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދެވޭނެ ކަމަށެވެ.
މިއަދުގެ ހަފްލާގައި މި ޚިދުމަތް ބޭނުންކުރާނެ ގޮތުގެ ޑެމޯއެއް ދައްކާލާފައިވާއިރު، ސީއީއޯ ވަނީ މީޑިއާގެ ސުވާލުތަކަށް ޖަވާބުދެއްވައި، ބޭންކުގެ ބޭރު ފައިސާގެ ސްޓްރެޓެޖީއާ ގުޅޭގޮތުން އިތުރު ތަފްސީލު ދެއްވާފައެވެ.









