ދިވެހި އިންވެސްޓްމެންޓް ނަފާ ފަންޑު (ދިނަފް) އިން 40 މިލިއަން ރުފިޔާގެ އިންވެސްޓްމަންޓް ފުރުސަތުތަކާއިއެކު، އެ ފަންޑުގެ އާ ސީރީޒް "ދިނަފް-48" މިއަދު ރަސްމީކޮށް ތަޢާރަފްކޮށް، ފަންޑުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ދިނަފްގެ ހެޑް އޮފީހުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި ފަންޑު ތަޢާރަފްކޮށްފައިވާއިރު، މިއަދުން ފެށިގެން މި ފަންޑުގައި އިންވެސްޓްކުރުމުގެ ފުރުސަތު ވަނީ ހުރިހާ ފަރާތްތަކަށް ހުޅުވާލެވިފައެވެ.
ކެޕިޓަލް މާކެޓް ޑިވެލޮޕްމެންޓް އޮތޯރިޓީ (ސީއެމްޑީއޭ) ގައި ރަޖިސްޓަރީކޮށް، ދިވެހި އިންވެސްޓްމަންޓް ޕާޓްނާސް (ޑީއައިޕީ) އިން މެނޭޖްކުރާ މި ޕްރައިވެޓް ފަންޑަކީ ކޮލިފައިޑް އިންވެސްޓަރުންނަށް ހާއްސަ ފަންޑެކެވެ.
އިންވެސްޓްކުރުމަށް ކަނޑައަޅާފައިވާ އެންމެ މަދު މިންވަރަކީ 50،000 ރުފިޔާއެވެ. މި ފަންޑުން އިންވެސްޓްކުރާ މުއްދަތަށް ބަލައި 10.50 އިންސައްތައާއި 12.00 އިންސައްތައާ ދެމެދުގެ ފައިދާއެއް ލިބޭނެކަމަށް ދިނަފްއިން މައުލޫމާތުދެއެވެ.
ޝައުގުވެރިވާ ފަރާތްތަކަށް info@dip.mv ނުވަތަ info@dhinaf.com މެދުވެރިކޮށް ބައިވެރިވެވޭނެއެވެ. ދިނަފްއިން މީގެކުރިންވެސް މިފަދަ ފަންޑުތައް ހުޅުވާލާފައިވާއިރު، 9 އޮކްޓޯބަރު 2025 ގައި ފުރަތަމަ ފަންޑު ލޯންޗުކޮށް، ދާދިފަހުން 20 މިލިއަން ރުފިޔާގެ "ދިނަފް-36" ކާމިޔާބުކަމާއެކު ނިންމާލާފައިވެއެވެ.









