ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ބޯޑަށް އަލަށް މެމްބަރުން އައްޔަން ކުރުމަށް ޚާއްސަ އާންމު ޖަލްސާއެއް ބޭއްވުމަށް ނިންމާފައިވާކަމަށް އެ ބޭންކުން ބުނެފިއެވެ.
ބީއެމްއެލް އިން ބުނީ ޚާއްސަ އާންމު ޖަލްސާ ބާއްވަނީ މާލީ ވުޒާރާއިން އެކަމަށް އޮގަސްޓް މަހުގެ 24 ގައި އެދިފައި އޮތުމުން ކަމަށެވެ. އަންނަ މަހު 21 ގައި މި ޖަލްސާ ބޭއްވުމަށް ނިންމާފައިވާއިރު، މި ޖަލްސާގައި ބޭންކުން ހުސްވެފައިވާ ޑިރެކްޓަރުންގެ މަޤާމަށް ބޭފުޅުން އައްޔަންކުރާނެ ކަމަށް ބީއެމްއެލް އިން ބުންޏެވެ.
ބީއެމްއެލް އިން ބުނީ މި ޖަލްސާގައި ބައިވެރިވެވޭނީ 10 ސެޕްޓެމްބަރު 2024 ވާ އަންގާރަ ދުވަހުގެ ނިޔަލަށް ބޭންކުގެ ޙިއްސާދާރުންގެ ދަފްތަރުގައި ރަޖިސްޓްރީ ކޮށްފައިވާ ޙިއްސާދާރުންނަށް ކަމަށެވެ.
ބީއެމްއެލް އިން މިފަދައިން އާންމުކޮށްފައި މިވަނީ އެ ކުންފުނީގެ ތެރެއިން މާލީ ބަޣާވާތެއް ގެނައުމަށް މަސައްކަތް ކޮށްފައިވާކަމަށް ސަރުކާރުން ތުހުމަތުކޮށްފައި ވަނިކޮށެވެ. މިކަމާ ގުޅިގެން ހިނގައި ދިޔަ ކަންކަމަކީ ޤާނޫނީ ސަރުކާރެއް ވައްޓާލުމަށް ކުރެވުނު މަސައްކަތެއް ކަމަށް ބަލައި އެކަން ތަހުޤީޤުކުރުމަށް ފުލުހުން ވަނީ ފަށާފައެވެ.
ބީއެމްއެލް އިން ޑޮލަރަށް ލިމިޓެއް ކަނޑައެޅުމަށް ނިންމުމުން، އެ ނިންމުން ބަދަލުުރެއްވުމަށް ރައީސުލްޖުމްހުރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ތަދައްޚުލްވެވަޑައިގެންފައެވެ.
ބޭންކުން ޑޮލަރު ލިމިޓް ކުރެއްވި ޚަބަރު ރައީސަށް ލިބިވަޑައިގަތުމާއެކު އެމަނިކުފާނު ވަނީ ބީއެމްއެލްގެ ސީއީއޯ ކާލް ސްޓަމްކް އާއި ބައްދަލުކުރައްވައި، ޑޮލަރު ދޫކުރުން ހަނިކުރުމަށް ބޭންކުން ކުރި ހީވެސް ނުކުރާފަދަ ފިޔަވަޅާ ބެހޭގޮތުން މަޝްވަރާ ކުރައްވާފައެވެ. މި ބައްދަލުވުމުގައި ރައީސް ވަނީ މިފަދަ ނިންމުމަކުން ކިޔަވާކުދިންނާއި އާންމުންނަށް ލިބިދާނެ ގެއްލުންތަކަށް އަލިއަޅުވާލައްވާފައެވެ.









