ފީފާ ވޯލްޑް ކަޕްގައި އީރާނުގެ ގައުމީ ފުޓްބޯޅަ ޓީމަށް އެމެރިކާއިން ކުރިމަތިކުރުވާފައިވާ ދަތުރުފަތުރުގެ ހަރުކަށި ހުރަސްތައް ލުއިކޮށްދިނުމަށް އެމެރިކާ ސަރުކާރުން ދެކޮޅު ހަދައިފިއެވެ. މިކަމާ ގުޅިގެން އީރާނުން ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއަށް ޝަކުވާ ހުށަހަޅާނެ ކަމަށް ބުނެފައިވީ ނަމަވެސް، އެމެރިކާއިން ނިންމާފައިވަނީ އެ ގައުމުގެ ނިންމުން ބަދަލުނުކުރުމަށެވެ.
މުބާރާތުގެ ކޯ-ހޯސްޓް ގައުމު ކަމަށްވާ އެމެރިކާގެ ވައިޓް ހައުސް ޓާސްކް ފޯސްގެ އެގްޒެކެޓިވް ޑައިރެކްޓަރ އެންޑްރޫ ގިއުލިއާނީ ހޮނިހިރު ދުވަހު ރޮއިޓާސްއަށް މައުލޫމާތު ދެމުން ބުނީ، އީރާނު ޓީމުގެ ދަތުރުފަތުރުގެ ކަންކަން އަދިވެސް ކުރިއަށްދާނީ ކުރިންވެސް ރޭވިފައިވާ ގޮތަށް ކަމަށެވެ.
މިހާރު ހަމަޖެހިފައިވާ އުސޫލުގެ ދަށުން، އީރާނު ޓީމަށް މެޗު ކުޅޭ ސިޓީތަކަށް (ލޮސް އެންޖެލިސް އަދި ސިއެޓްލް) ދެވޭނީ މެޗު ފެށުމުގެ އެންމެ 24 ގަޑިއިރު ކުރިންނެވެ. އަދި މެޗު ނިމުމާއެކު ވަގުތުން އެމެރިކާ ދޫކޮށް، މެކްސިކޯގެ ޓިޖުއާނާގައި ހުންނަ އެ ޓީމުގެ ބޭސް ކޭމްޕަށް އެނބުރި ދާންޖެހެއެވެ. މިކަމާ ހިތްހަމަނުޖެހުން ފާޅުކުރައްވަމުން އީރާނުގެ ކޯޗު އާމިރު ގަލެނޮއީ ބުނީ، އެ ޓީމަކީ މުޅި ވޯލްޑް ކަޕްގައިވެސް "އެންމެ ބޮޑަށް އަނިޔާވެރިކަން ކުރިމަތިވަމުންދާ ޓީމު" ކަމަށެވެ.
މިދިޔަ ހަފްތާގައި ނިއުޒީލޭންޑާ ދެކޮޅަށް ކުޅުނު މެޗަށްފަހު ވެސް، ކުޅުންތެރިންނަށް ރިކަވަރީއަށް ވަގުތު ނުދީ މަދު ގަޑިއިރުތަކެއްގެ ތެރޭގައި ޓީމު ވަނީ އެމެރިކާއިން ފޮނުވާލާފައެވެ. ކޯޗު ގަލެނޮއީ ބުނި ގޮތުގައި، ފުރަތަމަ މެޗަށްފަހު ކެލިފޯނިއާގައި ރޭގަނޑު މަޑުކޮށްލުމުގެ ފުރުސަތު ލިބޭނެ ކަމަށް ޓީމުން އުއްމީދު ކުރިއެވެ.
ދަތުރުފަތުރުގެ މައްސަލަތަކުގެ އިތުރުން، އީރާނުގެ ވިންގަރ މެހްދީ ތޮރާބީގެ ވިސާގެ މުއްދަތު ހަމަވުމުގެ ސަބަބުން ވެސް ދަތިތަކެއް ކުރިމަތިވިއެވެ. ނަމަވެސް، އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން މިހާރު ވަނީ އޭނާއަށް މަލްޓިޕަލް-އެންޓްރީ ވިސާއެއް ދީ، އެ މައްސަލަ ހައްލުކޮށްދީފައެވެ.
އާދިއްތަ ދުވަހު ބެލްޖިއަމާ ދެކޮޅަށް ލޮސް އެންޖެލިސްގައި ކުޅޭ ގްރޫޕް ޖީގެ މެޗަށްވެސް އަމަލުކުރާނީ ހަމަ މި ހަރުކަށި އުސޫލުންނެވެ. އީރާނު ޓީމު ލޮސް އެންޖެލިސްއަށް ދިއުމަށް ހަމަޖެހިފައިވަނީ މެޗު ފެށުމުގެ 24 ގަޑިއިރު ކުރިން، ހޮނިހިރު ދުވަހުގެ އިރުއޮއްސޭ ވަގުތުއެވެ.









